އެމެރިކާގެ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) އިން ރާއްޖެއަށް 7.2 މިލިއަން ޑޮލަރުގެ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. ޔޫއެސްއެއިޑުގެ ފަރާތުން ސޮއިކުރެއްވީ މިޝަން ޑައިރެކްޓާ ގެބްރިއަލް ގްރާއުއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ އެހީއަކީ ތިމާވެށި ހިމާޔަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުން، އަމިއްލަ ފަރުދުންނާއި މުޖުތަމައުގެ ވިލުންވެރިކަން އަދި ޑިމޮކްރެޓިކް ހިންގުންތެރިކަން ހަރުދަނާކުރުމަށް ދިން އެހީއެއް ކަމަށެވެ.
އަދި މިއީ 2019 ވަނަ އަހަރު ރާއްޖެއާއި އެމެރިކާއާ ދެމެދު ސޮއިކުރި "ދަ ޓެންތް އެމެންޑެމެންޓް ޓު ދަ ޑިވެލޮޕްމެންޓް އޮބްޖެކްޓިވް އެގްރީމެންޓު (ޑީއޯއޭޖީ)ގެ ދަށުން ދިން އެހީއެކެވެ. ޑީއޯއޭޖީ އެއްބަސްވުމުގެ ދަށުން ޔޫއެސްއެއިޑް މެދުވެރިކޮށް ރާއްޖެއަށް 36.1 މިލިއަން ރުފިޔާގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެ އެއްބަސްވުމުގެ ދަށުން ޔޫއެސްއެއިޑުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ރާއްޖެއަށް ތިން މިލިއަން ޑޮލަރުގެ އެހީއެއްވެސް ދީފައެވެ.