ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުނިން ވާވެއްދިފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިފިއެވެ.

އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު ނިޝާން މުހައްމަދު ދީދީ "ވަން" އަށް މިއަދު ވިދާޅުވީ ވާވެއްދިފަޅު ވިއްކުން ހުއްޓުވީ އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ. އެ ފަޅު ވިއްކުން ހުއްޓުވީ ކޮން ދުވަހަކު ކަމެއް މައްސަލަ ތަހުގީގު ކުރަމުންދާތީ ހާމަނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އޮންގޮއިން އިންވެސްޓިގޭޝަނަކަށް ވުމުން އަޅުގަނޑުމެންނަށް އިތުރުކަމެއް ހާމަނުކުރެވޭނެ،" ނިޝާން ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިލާއަށް ވާވެއްދިފަޅު ކުއްޔަށް ދީފައިވަނިކޮށް 2015 ވަނަ އަހަރު އެއްބަސްވުން ބާތިލުކޮށް މިނިސްޓްރީން ވަނީ އެ ރަށް އަނބުރާ ސަރުކާރަށް ނަގައިފައެވެ.

މިނިސްޓްރީން އެ ރަށް އަތުލީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެއެވެ. ވިލާގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން ހުކުމް ކުރީ ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުން ބާތިލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.