އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތް ކުރައްވާ "ދަ ޑިމޮކްރެޓިކްސް" އާ ގުޅުމަށް އެމްޑީޕީން މިހާތަނަށް ވަކިވެފައިވަނީ 900 އެއްހާ މެންބަރުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތެރޭގައި އޮތް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ އެ ޕާޓީގެ 12 މަޖިލިސް މެންބަރަކު އެ ޕާޓީން ވަކިވެ، އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދުނީ މިދިޔަ މަހުގެ 21ގަ އެވެ. އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނީ މިދިޔަ މަހުގެ 24ގަ އެވެ. ޑިމޮކްރެޓްސްއިން މިހާރު ވަނީ ޕާޓީއަށް މެންބަރުން ހަމަކޮށް ޕާޓީ ރަޖިސްޓަރީކުރަން އީސީއަށް ހުށަހަޅައިފައެވެ.

އައްޑޫ ސިޓީ، ގަމުގައި ހުންނަވައި މިނިސްޓަރު ފައްޔާޒް އިއްޔެ ހަވީރު "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެމްޑީޕީ ދޫކުރާ މީހުންގެ މައުލޫމާތު ރަށްރަށުގައި ތިބި އެމްޑީޕީގެ ޓާސްކް ފޯސްތަކުން ބަލަހައްޓާ ކަމަށެވެ.

"އަޅުގަނޑުމެން މިދިޔައީ ބަލަމުން އަޅުގަނޑުމެންގެ އެކި ރަށްރަށުން ވަކިވެގެން ދިޔައީ ކިހާ މެންބަރުންނެއްތޯ. އެގޮތުން މިހާތަނަށް އަޅުގަނޑުމެންނަށް ފާހަގަވެފައި އޮތީ އެމްޑީޕީއަށް ނިސްބަތްވާ 900 އަށްވުރެ ގިނަ މެންބަރުން ވަކިވެއްޖެ ކަމަށް" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، އެމްޑީޕީން ވަކިވި މެންބަރުން ވަކިވަނީ ޑިމޮކްރެޓްސްއާ ގުޅުމަށް ކަމަށެވެ. ނަމަވެސް އެ މެންބަރުން އަލުން އެމްޑީޕީއަށް ވެއްދުމަށާއި ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޑިމޮކްރެޓްސްއިން ވަނީ، އެ ޕާޓީއަށް ސޮއިކޮށްފައިވާ މެންބަރުންގެ ލިސްޓެއް އީސީގެ ތެރެއިން ލީކުވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ ލިސްޓު އާއްމުވުމާ އެކު، ލިސްޓުގައި ތިބި މީހުންނަށް ވަކިވަކިން ގުޅައި، ބިރުދައްކަން ފަށާފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދޭން އީސީއާއި ފުލުހަށްވެސް ވަނީ ހުށަހަޅައިފައެވެ.