ރ. އުނގޫފާރު މަގުހެދުމުގެ ދެވަނަ ފޭސްގެ މަސައްކަތް މިހާރު ނިމެން ކައިރިވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، އުނގޫފާރު މަގުތަކުގެ ދުވާރު ހެދުމުގެ މަސައްކަތުގެ 98 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އުނގޫފާރު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 4 ނޮވެމްބަރު 2021ގައެވެ. މި މަޝްރޫއުގެ އަގަކީ 20.4 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުގެ ދަށުން 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއްގައި ސަބްގްރޭޑު، ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކުރުމާއި 2291.75 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.