އައްޑޫ ސިޓީގައ ހުރި ބްރައިން ފްރީޒިން ކެޕޭސިޓީ، 100 ޓަނަށް އިތުރުކުރުމުގެ މަސައްކަތް އަންނަ މަހު މިފްކޯއިން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު އެ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އައްޑޫ އެއާޕޯޓު ތަރައްގީކުރެވުމުން ދެކުނު އަދި އައްޑޫގެ ބޮޑުކަންނެލި އެކްސްޕޯޓް ކުރުމަށް މާލެއަށް ކުރަން ޖެހޭ ދަތުރުތަކަށް މަންފާތަކެއް ލިބޭނެ ކަމަށެވެ.

އެގޮތުން، އައްޑޫގައި ތަރައްގީކުރަމުން އަންނަ ފިޝަރީޒް ކޮމްޕްލެކްސް އާއި އައްޑޫ އެއާޕޯޓުގެ ކޯލްޑް ސްޓޯރޭޖާއި ކާގޯ ފެސިލިޓީގެ ހިދުމަތުގެ ސަބަބުން ހަރަދު ކުޑަވެގެންދާނެ ކަމަށެވެ.

"އައްޑޫގައި ހުރި 50 ޓަނުގެ ބްރައިން ފްރީޒިންގް ކެޕޭސިޓީ 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު މިފްކޯއިން ފަށާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އަންނަ އޮގަސްޓް މަހުގެ ތެރޭގައި އައްޑޫގައި ތަރައްގީ ކޮށްފައިވަނީ މިފްކޯގެ މަސްބަނދަރު ބޭނުންކުރެވެން ފަށާނެ ކަމަށެވެ.