އައްޑޫ ސިޓީން އިނގިރޭސީން ފައިބައިގެން ދިޔަ ފަހުން އެ ސިޓީ ދިޔައީ ފަހަތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން އެ އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސް ވިދާޅުވީ އައްޑޫއަކީ އިންޑިއާގެ ދެކުނުން އިސްތިރާޖީ ގޮތުން އޮތް އެންމެ މުހިންމު ޕޮއިންޓް ކަމަށެވެ. އަދި އިނގިރޭސީން ގަން ހިޔާރު ކުރީ އެ ސަބަބަށްޓަކައި ކަމަށްވެސް ވިދާޅުވިއެވެ.
"ކުރިއަރާފައި އޮތް އައްޑޫން، އިނގިރޭސިން ފައިބައިގެން ދިޔަ ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް. މިތަނުގައި ހުރި އޭރު އެންމެ ޒަމާނީ އާލާތާއި ވަސީލަތްތައް އައްޑޫއިން ބޭލި. ދަގަނޑު ތާނގީތައް ގޭސްކަޓަރުން ކަފާ ކުދިކުރި. ހައިވޯލްޓޭޖް ކޭބަލްތައް ނަގައި ބުރިކޮށް، ބޮނޑި ބަނދެ، ކޮނޑުގައިޖަހައިގެން ބޭރުކުރި," ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެއިރު އައްޑޫ ސިޓީ އޮތް ބިނާގެ މަތީގައި، ތެދުނިޔަތަކާއެކު އައްޑޫ ބިނާކުރިނަމަ، އައްޑޫ އެއާޕޯޓުގެ ތަރައްގީއަށް މިއަދުކުރާ މަސައްކަތް ކުރަން ނުޖެހޭނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ގަން އެއާޕޯޓް ތަރައްގީ ކުރާނީ އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރަށް، އައްޑޫގެ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.