ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ/ އިބްރާހީމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) މަރާލި މައްސަލައިގައި ދައުވާކޮށް އެ މައްސަލަ ސާބިތު ނުވި ގ. ޝާރާޒް، މުހައްމަދު މަފާޒުގެ މާރާމާރީ ހިންގަން އުޅުމުގެ ތެރެއިން ހައްޔަރު ކޮށްފިއެވެ.
އޭނާ ހައްޔަރު ކޮށްފައިވަނީ އިއްޔެރޭ 11:25 ހާއިރު މަޖީދީ މަގު ޑައިންމޯ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު މީހުންގެ ތެރެއިންނެވެ.
އެމީހުންގެ ތެރެއިން ފުލުހުން މަފާޒު ހައްޔަރުކުރިއިރު، ބައެއް މީހުން ވަނީ ފިލައިފައެވެ، އެތަނުން ދެ މީހަކު ފިލާފައިވަނީ އެ މީހުން ދުއްވި ސައިކަލު އެތަނަށް ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެ ދެ ސައިކަލު ޓޯކޮށް, ފިލި މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
އެތަނުގެ ތެރެއިން ހައްޔަރުކޮށް، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުނުކަމުގެ ތުހުމަތު ވަނީ މަފާޒުގެ މައްޗަށް ކޮށްފައެވެ.
އެހެންކަމުން ކުރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ތޫނު އެއްޗަކުން ހަމަލާދީ ނަދީމު މަރާލިކަމުގެ ކުށް މަފާޒުގެ މައްޗަށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކުރީ، ހުސްވި 2022 ވަނަ އަހަރުގެ ނޮވެމްބަރު 14 ގައެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.