ފޮކްސްކޮން އިން އިންޑިއާގައި އަންނަ އަހަރު އައިފޯން އުފައްދަން ފަށަން ނިންމައިފިއެވެ.
އިންޑިއާގެ ކަރްނާޓަކާގައި އަންނަ އަހަރުގެ އޭޕްރީލް މަހު އައިފޯން އުފައްދަން ފެށުމަށް ތައްޔާރުވަމުން އަންނަ އިރު އެގައުމުގައި އައިފޯން އުފެއްދުމުގައި ހަރަކާތްތެރިވާނީ ޓައިވާންގެ މަޝްހޫރު ކުންފުނި ފޮކްސްކޮން އެވެ.
ފޮކްސްކޮން އިން ވަނީ ކަރްނާޓަކާ ސްޓޭޓުން 1.2 މިލިއަން އަކަމީޓަރުގެ ބޮޑުބިމެއް ގަނެފައެވެ.
އެކުންފުނިން ވަނީ 700 މިލިއަން ޑޮލަރު މި މަސައްކަތަށް އިންވެސްޓު ކުރަން ނިންމާފައެވެ. ކަރްނާޓަކާގެ މައި ސަރުކާރުން ވަނީ މިޕްރޮޖެކްޓުގެ އަގު 1.59 ބިލިއަނަށް އަރާނެކަމަށް ލަފާކޮށްފައެވެ.
އިންޑިއާގައި އައިފޯން އުފެއްދުމުގެ މަސައްކަތް ފެށުމާއެކު އަހަރަކު 20 މިލިއަން ފޯނު އުފެއްދުމަށް ނިންމާފައިވާކަމަށް ފޮކްސްކޮން އާއި ހަވާލާދީ ރޮއިޓާސް އިން ހާމަކޮށްފައިވެއެވެ.
ފޮކްސްކޮން އިން އިންޑިއާގައި އައިފޯން އުފައްދަން ފެށުމާއެކު އެގައުމުގެ މޯބައިލް މާކެޓުގައި ދައުރުވާ އެހެން ބްރޭންޑްތަކަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށް ދިރާސާ ކުރާފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.
ފޮކްސްކޮން އިން އިންޑިއާގައި އައިފޯން އުފައްދަން ފެށުމުން އެގައުމުގައި އަލަށް 50،000 ވަޒީފާ އުފެދިގެންދާނެކަމަށް ސަތުކާރުން ހާމަކޮށްފައިވެއެވެ.