އީރާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، އިސްރާއީލުން ސިއްރުން އީރާނަށް ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ސިސްޓަމްތަކެއް އެތެރެކުރި ކަމަށް އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވެއްޖެއެވެ.

މިއަދު ގުދުސްގައި ބޭއްވި 'ޖޭއެންއެސް އިންޓަނޭޝަނަލް ޕޮލިސީ ސަމިޓް' ގައި ވާހަކަދައްކަވަމުން ބެނެޓް ވިދާޅުވި ގޮތުގައި، އޭނާގެ ވެރިކަމުގައި އީރާނަށް އެތައް ހާސް ސްޓާލިންކް ރިސީވަރެއް އެތެރެކުރުމުގެ މަސައްކަތް ފެށިއެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ އީރާނުގެ ސަރުކާރުން އިންޓަނެޓް ކަނޑާލާ ހާލަތްތަކުގައިވެސް މުޒާހަރާކުރާ ފަރާތްތަކަށް މެދުކެނޑުމެއްނެތި އިންޓަނެޓާއި ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މީގެ ސަބަބުން މުޒާހަރާތައް ރާވައި، އީރާނުގެ ސަރުކާރު ވައްޓާލުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެއްވި ކަމަށްވެސް ބެނެޓް ވިދާޅުވިއެވެ.

ނަމަވެސް، އިސްރާއީލުގެ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް ފާޑުވިދާޅުވަމުން ބެނެޓް ވިދާޅުވީ، އޭނާގެ ވެރިކަމަށްފަހު އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ. އެހެންކަމުން ފަހުން އީރާނުގައި މުޒާހަރާތައް ފެށުނުއިރު އެ ނެޓްވޯކް ގާއިމުކުރެވިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އީލޮން މަސްކްގެ ސްޕޭސްއެކްސް ކުންފުނިން ފޯރުކޮށްދޭ ސްޓާލިންކް އިންޓަނެޓް ހިދުމަތް އީރާނުގައި ދިނުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދީފައެއް ނުވެއެވެ. އެހެންނަމަވެސް، އީރާނުގެ އެތެރޭގެ ހަމަނުޖެހުންތައް އުފެއްދުމަށް އެމެރިކާއާއި އިސްރާއީލުން މިފަދަ ވަސީލަތްތައް އެތެރެކުރާ ކަމަށް އީރާނުން މީގެ ކުރިންވެސް ވަނީ ތުހުމަތުކޮށްފައެވެ. ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގައި މުޒާހަރާތައް ކުރިއަށްދިޔަ ދުވަސްވަރު އިންޓަނެޓް ކަނޑާލާފައި އޮތް ނަމަވެސް، ބައެއް އާންމުން ވަނީ ސްޓާލިންކް މެދުވެރިކޮށް އިންޓަނެޓް ބޭނުންކޮށްފައެވެ.

ބެނެޓްގެ މި ވާހަކަތަކާ ގުޅިގެން ނަތަންޔާހޫގެ އޮފީހުން އަދި ސްޕޭސްއެކްސް އިންވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އީރާނުގައި މުޒާހަރާތައް ކުރިއަށްދާ ދުވަސްވަރު އާންމުންނަށް އިންޓަނެޓް ނުލިބޭ ގޮތަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާއިރު، ހުއްދަނެތި ސެޓެލައިޓް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް އީރާނުގެ ގާނޫނުހަދާ މަޖިލީހުން އަންނަނީ މަސައްކަތްކުރަމުންނެވެ.