ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގައި އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުފަހަރުން ހިދުމަތުގެ ފީއެއް ނެގުމާ ގުޅޭގޮތުން ދިރާސާކުރުމަށް އީރާނާއި އޮމާނުން ގުޅިގެން ވޯކިން ގްރޫޕެއް އެކުލަވާލައިފިއެވެ.

މިއަދު އާންމުކުރި ގުޅިފައިވާ ބަޔާނެއްގައި ދެ ގައުމުން ވަނީ، އެ ކަނޑުއޮޅީގެ މައްޗަށް އެ ގައުމުތަކުގެ ސިޔާދަތީ ބާރު އޮތްކަން ފާހަގަކޮށްފައެވެ. މި ނިންމުން އިއުލާނުކޮށްފައިވަނީ އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ އާއި އިސް ނެގޯޝިއޭޓަރު މުހައްމަދު ބާގިރު ގާލިބާފް، އޮމާނުގެ ސުލްތާން ހައިތަމް ބިން ތާރިގް އަދި ހާރިޖީ ވަޒީރު ބަދްރު އަލްބުސައިދީއާ މަސްގަތުގައި ބައްދަލުކުރެއްވުމަށް ފަހުގައެވެ.

އީރާނުން ބުނާ ގޮތުގައި މިއީ ޓޯލް ފީއެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ނެވިގޭޝަން އެހީތެރިކަމާއި، ތިމާވެށި ހިމާޔަތްކުރުމާއި، ސަލާމަތީ ކަންކަމަށް ނަގާ ހިދުމަތުގެ ފީއެއް ކަމަށް އެ ގައުމުން ބުނެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮންމެ ދަތުރަކަށް ދެ މިލިއަން ޑޮލަރާ ހަމައަށް ފީ ނެގުމަށް އީރާނުން އަންނަނީ ވިސްނަމުންނެވެ. ނަމަވެސް، އޮމާނުގެ ހާރިޖީ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ދެ ގައުމުން ވެސް އޮތީ ފީއަކާ ނުލައި ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށް އެއްބަސްވެފައެވެ.

ދުނިޔޭގެ ކަނޑުމަގުން އުފުލާ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރަނީ ހޮރުމުޒް ކަނޑުއޮޅިންނެވެ. އެހެންކަމުން، މިތަނުން ފީއެއް ނަގަން ފަށައިފިނަމަ ދުނިޔޭގެ ޝިޕިން ރޫޓުތަކަށާއި އިގުތިސޯދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. އެމެރިކާއިން ވަނީ މި ކަނޑުއޮޅިން އެއްވެސް ބާވަތެއްގެ ފީއެއް ނެގުމާ ދެކޮޅުހަދައިފައެވެ.

މި މަޝްވަރާތައް ފަށާފައިވަނީ، އެމެރިކާއާއި އީރާނާ ދެމެދު ދާދިފަހުން ވެވުނު އެއްބަސްވުމެއްގެ ދަށުން، ފީއަކާ ނުލައި 60 ދުވަހުގެ މުއްދަތަކަށް ކަނޑުއޮޅި ހުޅުވާލާފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން ނިންމާފައިވަނީ މި މުއްދަތު ހަމަވުމުން އާ ފީގެ ނިޒާމަށް އަމަލުކުރަން ފެށުމަށެވެ.