މުދާ އެތެރެކުރުމުގެ ނަމުގައި ސްރީލަންކާއިން ބޭރަށް 210 ބިލިއަން ރުޕީސް (700 މިލިއަން އެމެރިކާ ޑޮލަރު) ގަވާއިދާ ހިލާފަށް ފޮނުވި ނެޓްވޯކެއްގެ އިސް މޭސްތިރިޔާ ކަމަށް ތުހުމަތުކުރެވޭ މީހަކު އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ލަންކާގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ޑިވިޝަން (އެފްއައިޑީ) އިން މިމަހު 19 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ޖެފްރީ މުހައްމަދު ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ނިގަމްބޯގައި ހުންނަ ލަގްޒަރީ އެޕާޓްމަންޓެއްގައި ފިލައިގެން އުޅެނިކޮށް ކަމަށް ލަންކާގެ ފުލުހުންނާ ހަވާލާދީ 'ޑެއިލީ މިރަރ' ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ތަހުގީގުކުރާ ފަރާތްތަކުން ބުނި ގޮތުގައި، 2023 ވަނަ އަހަރުން ފެށިގެން ހިންގަމުންދިޔަ މި އޮޕަރޭޝަނުގައި ފައިސާ ބޭރުކޮށްފައިވަނީ ކޮލަމްބޯ ފޯޓުގައި ހިންގާ 'އޭވައި އިންވެސްޓްމަންޓްސް' ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށެވެ. ޖެފްރީއަކީ އެ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވި މީހާ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. މި ނެޓްވޯކް މެދުވެރިކޮށް ބޭރުކުރާ ކޮންމެ ޑޮލަރަކުން ދެ ރުޕީސްގެ ކޮމިޝަނެއް އޭނާ ނަގާ ކަމަށް ތަހުގީގުގައި އެއްބަސްވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގެ ސަބަބުން ލަންކާގެ ޓެކްސް އަދި ކަސްޓަމްސްގެ އާމްދަނީއަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. މި ނެޓްވޯކްގެ މައްސަލަ ފެންމަތިވީ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު އާނަންދަ ވިޖެޕާލާ ޕާލަމެންޓުގައި އާންމުކުރެއްވި މައުލޫމާތުތަކަކާ ގުޅިގެންނެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް ކުރި ތަހުގީގުން، މި ފައިސާ ބޭރުކުރާ ނެޓްވޯކާއި އޮގަނައިޒްޑް ކްރައިމް ގްރޫޕްތަކާ ގުޅުން އޮތްކަން ހާމަވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ޖެފްރީ ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި އޭނާ ހަތް ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޮލަމްބޯ ޗީފް މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން މިހާރު އަންނަނީ މި ނެޓްވޯކް ބޭނުންކުރި އިތުރު ވިޔަފާރިވެރިންނާއި ބޭންކުތަކުގެ މުވައްޒަފުންގެ ބައިވެރިވުމެއް އޮތްތޯ ބަލައި، އެ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.