އައްޑޫ ސިޓީ މަރަދޫ އިން - އަލީ ޔާމީން
އިގުތިސޯދު ދެގުނަކޮށް 2028 ނިމޭއިރު އުފެންދުންތެރިކަން 177 ބިލިއަނަށް ގެންދެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުމަށް މަރަދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ, މި ފަސް އަހަރުތެރޭ ކުރެވުނު މަސައްކަތާއި ކުރަން ހުރި ކަންކަމުގެ މައްޗަށް ފެންނަ ނަތީޖާއެއްވާ ކަމަށެވެ. އެއީ ރާއްޖޭގެ ހާލަތު ވަރުހުރި އިގުތިސާދެއްގެ މައްޗަށް ބިނާކުރެވޭނެކަމުގެ އުންމީދު ބޮޑުކަން ކަމަށް ވިދާޅުވިއެވެ.
"މީގެ ފަސް އަހަރު ކުރިން 2018 ވަނަ އަހަރު ރާއްޖޭގެ ޖުމުލަ އުފެއްދުންތެރި ކަމަކީ 81 ބިލިއަން ރުފިޔާ. މީގެ ފަސް އަހަރު ފަހުން ރާއްޖޭގެ އިގުތިސާދު ދެގުނަކޮށް, 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެ," ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ, ރާއްޖޭގެ އުފެއްދުންތެރިކަން އެ ހިސާބަށް ގެންދިއުމަށް ބޭނުންވާ ހުރިހާ މަސައްކަތެއް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރުކާރުން ހިންގާ މަޝްރޫއުތަކެއް ހިންގަމުންދާއިރު ރާއްޖެ އެކުގައި ތަރައްގީ ނުވެ ދިވެހިން ބޭނުންވާ މަންޒިލެއް ނުހިފޭނެ ކަމަށް ވިދާޅުވިއެވެ.