ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފިޔަވައި އިތުރު އެހެން ބޭފުޅަކު ރާއްޖޭ ވެރިކަމުގައި ހުންނަވަން އެމަނިކުފާނު ބޭނުންފުޅު ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ވީޓީވީއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީން ނަޝީދު ނުހޮވުމުން އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި ފިކުރެއްގެ ދިރުމުގެ ފެކްޝަނާ އެކު ޖުމްހޫރީ ޕާޓީން ކުރި މަޝްވަރާތަކުގެ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ނަޝީދަކީ ކާކުކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި ނަޝީދު ނޫން މީހަކު ރާއްޖޭގެ ވެރިކަމަށް އައުމުގެ ފުރުސަތު ދެއްވައިގެން އެމަނިކުފާނަށް ކެތެއް ނުވާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަން ރައީސް ނަޝީދު ވަރަށް ރަނގަޅަށް. އެބޭފުޅާ އަށް ކަމަކު ނުދާނެ އެބޭފުޅާ ނޫން މީހަކު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނާކަށް. އެހެން މީހަކަށް އެ ފުރުސަތު ދީގެން އެމަނިކުފާނަށް ކެތެއް ނުވާނެ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޕްރައިމަރީން ފެއިލްވުމާއެކު އެމްޑީޕީ ދެފަހަރަށް ވެރިކަމަށް އައީވެސް ގާސިމުގެ ތާއިދާ އެކު ކަމަށާއި މިފަހަރު ވެރިކަމަށް ގެންނަންވީ ގާސިމު ކަމަށް ނަޝީދު އެކި ފަހަރު މަތިން މަޖިލީހުގެ އެކި މެމްބަރުންގެ އަރިހުގައި ވިދާޅުވިކަމަށެވެ. ރިޔާސީ އިންތިހާބަށް ކޯލިޝަން އެއްބަސްވުން ހެދުމަށްވެސް ނަޝީދުގެ ފެކްޝަނުން އޭރު އެދުނު ކަމަށާއި ނަމަވެސް އެ އެއްބަސްވުމުގައި ހިމެނުމަށް ނަޝީދުގެ ފަރާތުން ހުށަހެޅުއްވި ކަންތައްތަކުން ދޭހަވީ ނަޝީދު ވެރިކަމަށް ގެނައުމަށް މަގު ކޮށައިދޭ މީހެއްގެ ގޮތުގައި ގާސިމް ބެހެއްޓުން ކަމަށް ވިދާޅުވިއެވެ.

އަދި ނަޝީދާ އެކު ކޯލިޝަނެއް ހަދައިފި ނަމަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި ނަޝީދާ ދެމެދު އޮތް މައްސަލަތައް އިތުރުވެ، އެމްޑީޕީ ހަލާކުކުރައްވާ މީހެއްގެ ލަގަބު އޭނާއަށް ލިބިގެންދާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގެ ނަސީބާއި ބަދުނަސީބު ބިނާވަނީ ވެރިކަމުގެ ނިޒާމުގެ މައްޗަށް ނޫން ކަމަށާއި ގައުމުގެ ނަސީބު ބިނާ ވަނީ ވެރިކަމުގައި ހުންނަ މީހަކީ، ރަނގަޅަށް ޒިންމާދާރު އިހުލާސްތެރި، ދީންވެރި އަދި ތެދުވެރި މީހަކަށް ވުމުން ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދު ބޭނުންފުޅު ވާގޮތަށް ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަކުން އަދި ގައުމުގެ މިސްރާބު ރަނގަޅު ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.