އައްޑޫގައި ކަތުރެއް ހަރައި އެއްބަނޑު އެއްބަފާ ބޭބެ މަރާލިކަމުގެ ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.

ހުސައިން މަވާޒް 25އ، ބްލޫސްޓާ، މަރަދޫފޭދޫ އަމިއްލައަށް ގަން ޕޮލިސް ސްޓޭޝަނަށް ގޮސް އިއްޔެ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުން، އޭނާ ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި މަވާޒް ހައްޔަރުކުރީ ކޯޓު އަމުރަކާ އެކުގައެވެ.

ފުލުހުން މީޑީއާ އަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލިކަމުގެ މައްސަލާގައި އިއްޔެ ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން މިއަދު އަމުރު ކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި ޒަހަމްވީ، އަހުމަދު ޝުއައިބު 27އ، އެވެ. އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިންގާފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ފޯނެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެންނެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި ޝުއައިބު މަރުވީ ފަރުވާ ދެމުންދަނިކޮށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ދެބެންގެ މެދުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ މަވާޒް ވިއްކަން ގެންގުޅުނު މަސްތުވާތަކެތިން ޝުއައިބު ވައްކަން ކުރުމުންނާއި މަވާޒްގެ ފޯނެއް ޝުއައިބު ވިއްކާލުންނެވެ. އެ މައްސަލައިގައި މަވާޒް ވަނީ ޝުއައިބުގެ މެޔަށާއި ގައިގެ އެކި ތަންތަނަށް ވަނީ ކަތުރު ހަރައިފައެވެ.

ޝުއައިބާއި މަވާޒްއަކީވެސް މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ. އޭގެ ތެރެއިން މަވާޒްއަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހެއްކަން ވެސް ވަނީ އެނގިފައެވެ