Close
ދިވެހިރާއްޖޭގެ ތާރީޚު

ކޮންމެ ދިވެއްސަކަށްވެސް ދިވެހިރާއްޖޭގެ ޖޯގްރަފީއާއި ދިވެހިތާރީޚުން އެނގުން ލާޒިމު މިންވަރެއް އޮންނަންޖެހެއެވެ.

އިމާދު ލަތީފު

2

މިއަދުގެ ޒުވާން ޖީލަށް ދިވެހިރާއްޖޭގެ ތާރީޚާއި ދިވެހި ސަގާފަތާއި އާދަކާދަތަކުގެ ތެރެއިން އޮޅުން ފިލަނީ ދާދިކުޑަ މިންވަރެކެވެ. ތާރީޚަކީ ވަރަށް ގިނަ ޒުވާނުންނަށް މިއަދު ފުލޯކަކަށް އެބަވެއެވެ. މިހެންވުމުގެ ސިއްރަކީ ތައުލީމީ ނިޒާމުގެ ތެރެއިން ދިވެހި ތާރީޚަށް ދޭންޖެހޭ މަގާމު ނުދެވުމެވެ. ކިޔަވައިދިނަސް ނުދިނަސް ދެކުނު އޭޝިޔާ ސަރަހައްދުގައި އޮތް އެންމެ ޒަމާންވީ ދައުލަތަކީ ދިވެހިރާއްޖެއެވެ. ދިވެހި ގައުމިއްޔަތަކީ ޚިޔާލީ ފޮލާއެއް ނޫނެވެ. ތާރީޚަކީ މުސްތަގުބަލުގެ މޫނުބަލާ ލޯގަނޑެވެ. މިހާރު އާދެވިފައި މިތިބަ ހިސާބާއި މިހިސާބަށް ދަތުރުކުރިގޮތް އެނގިގެން ނޫނީ މުސްތަގުބަލުގެ އަމާޒުތަކަށް މިސްރާބު ހިފަން ފަސޭހައެއް ނުވާނެއެވެ. ދިވެހީން މި ރަށްތަކުގައި ދިރިއުޅެތާ، އަދި ވަކި ދައުލަތެއްގެ ގޮތުގައި ދުނިޔެއަށް ތައާރަފު ވެފައިވާތާ 2500 އަށް ވުރެ ގިނަ އަހަރު ވެއްޖެއެވެ.

މީލާދުގެ ދެތިން ގަރުނު ކުރީން ފެށިގެން މީލާދުގެ ފުރަތަމަ ދެތިން ގަރުނުގެ ތެރޭގައި ތަމަޅައިންގެ ލިޔުންތަކުގައި "ޕަޅަމްތީވު"ގެ ނަމުގައި ދިވެހިރާއްޖެ ފާހަގަ ކުރެވެއެވެ. އަދި ހަމަ އެހެންމެ "މަހިލަތީވު"، "މަހިލަދްވީޕް"، "މާލަތީވު"، "މާލްދީޕް" ފަދަ އެތައް ނަމަކުންވެސް އުތުރުކަރައިގެ މީހުން ދިވެހިރާއްޖެ ދަނެއެވެ. މީލާދީން ހަތަރު ވަނަ ގަރުނުގެ ރޫމީ ތާރީޚުގައި ދިވެހީން ރޫމުގެ ރަސްގެފާނަށް ވެދުން ހިފައިގެން ދިޔަ ވާހަކަ އޮވެއެވެ. މީލާދީން 6 ވަނަ ގަރުނާއި 8 ވަނަ ގަރުނުގައި ދިވެހީން ސީނުކަރައަށް ވެދުން ހިފައިގެން ދިޔަކަން ޗައިނާގެ ތާރީޚުން އެނގޭން އެބައޮވެއެވެ. މި ވާހަކަތައް ދިވެހިރާއްޖޭގެ ސުކޫލުތަކުގައި މިއަދު ކިޔަވައި ނުދެވޭތީ ގިނަ ދިވެހީންނަކަށް މިއަދު މި ކަންކަމެއް ނޭނގެއެވެ. ދެނެގަންނަން ޝައުގުވެރިކަމެއްވެސް ނެތެވެ.

އޮޑިދޯނިފަހަރު ބަނުމާއި ނިޔަމިކަމާއި ކަނޑުދަތުރުފަތުރުގެ އެންމެހައި ކަންކަމާއި މަސްވެރިކަމުގައި މުޅި މި ސަރަހައްދުގައިވެސް ދިވެހީންނާ ވާދަކުރެވުނު އެހެން ބަޔަކު ނެތެވެ. މީލާދީން އަށާރަ ސަތޭކައިގެ އަހަރުތަކުގެ ތެރޭގައި މިސަރަހައްދު ދިރާސާކުރެއްވި އިނގިރޭސިއެއް ކަމަށްވާ ޖޭމްސް ހޯނެލް ލިޔުއްވައިފައިވެއެވެ. މި ފަންނުތަކުގައި ދިވެހީންނަށްވުރެ ކުރިއަރާފައިވާ އެހެންބަޔަކު ބަހުރު ހިންދުގެ ތެރެޔަކު ނުވެއެވެ. އީރާނުގެ ހުރުމުޒުން ފެށިގެންގޮސް އިރުމަތީ އެފްރިކާގެ އައްސޭރި ފަށުގައި ހުރި ތަންތަނަށާއި މިއަދު ހިންދު މާކަނޑު ނުވަތަ އިންޑިޔަން އޯޝަންގެ ނަމުން މަޝްހޫރުވެފައިވާ އަދި އޭރުގެ ދިވެހީން ކިޔާ ގޮތުން ނަމަ، "ކުމެރި ކަނޑު"ގައި ހުރި ހުރިހައި ޖަޒީރާއަކަށާއި ސީނު ކަރަޔަށް ދަތުރު ކުރާނެ މަގުތައް ދިވެހި މާލިމީކަމުގެ ފޮތްތަކުން ފެންނާން އެބަހުއްޓެވެ.

ފާރިސްކަރައިގެ ބަނދަރުތަކާއި އޮމާނާއި ޔަމަނުކަރައިގެ ބަނދަރުތަކާއި އިރުމަތީ އެފްރިކާގެ ބަނދަރުތަކާއި އަސޭކަރައިގެ ބަނދަރުތަކާއި އަދި ސީނުކަރަފަދަ ތަންތަނާ ގުޅާލަ ދޭ މައިގަނޑު މަގަކީ ހިންދުމާކަނޑު ކަމަށް ވެގެން ދިޔައިރު، މި މަގުގެ މެދުގައި އޮތް އެންމެ މުހިއްމު ބަނދަރަކީ އަދި ދައުލަތަކީ ދިވެހިރާއްޖެއެވެ. މީލާދީން 1196 ވަނަ އަހަރު ލިޔެވުނު ދަނބިދޫ ލޯމާފާނުގައި ދިވެހިރާއްޖޭގެ ސަރަހައްދު ބަޔާން ކޮށްފައި ވަނީ "ޝަވާ ލަކްޝަދީޕް" މިފަދައިންނެވެ. ދިވެހިތާރީޚާއި ބަހާއި ސަގާފަތާއި ދިވެހީން ލިޔެއުޅުނު އަކުރުތަކުގެ އިލްމުވެރިއެއް ކަމަށް ވާ މ. ނެދުންގޭ އަލްމަރްހޫމް އަލީ ނަޖީބު ވިދާޅުވެފައި ވަނީ "ލަކްޝަދީޕް" ގެ މާނައަކީ "އެއްލައްކަ ޖަޒީރާ" ކަމުގައެވެ. "ޝަވާ"ގެ މާނައަކީ "ހުރިހާ" ނުވަތަ "މުޅި" ނުވަތަ "އެކުގައި" ކަމަށެވެ.

"ލައްކަ" މިލަފްޒަކީ ގިނައިގެ މާނައިގައި ވެސް ބޭނުން ކުރެވޭ ލަފްޒެކެވެ. ލަކްޝަދީޕްއަކީ ޖަޒީރާތައް ނުވަތަ އާކިޕެލަގޯގެ މާނައިގައި ވެސް ބޭނުން ކުރެވޭ ލަފްޒެކެވެ. އެހެންކަމުން "ޝަވާ ލަކްޝަދީޕް" އަކީ ދިވެހިރާއްޖެ އުފެދިފައި މި އޮތް އަށީގައި ހުރި "ހުރިހާ ރަށްތައް" ނުވަތަ "މުޅި ރަށްފަތި" ކަމަށް ބެލެވެއެވެ. މިއަދުގެ ބައެއް ލިޔުންތަކުގައި "ލެކެޑިވް-ޗާގޯސް ރިޖް" ނަމަކަށް ކިޔާ އަށްޓަކީ ހަގީގަތުގައި "މޯލްޑިވް ރިޖް" އެވެ. މި ރިޖްގައި ނުވަތަ މި އަށީގައި ހުރި ހުރިހައި ރަށަކީ ދިވެހީންގެ ރަށްރަށެވެ. މީލާދީން 1558 އާއި 1571 އާ ދެމެދު 9 ވަނަ ހަސަން ރަސްގެފާނު ޕޯޗުގީޒު ދައުލަތަށް ފޮނުއްވި ސިޓީފުޅުތަކުގައި އެ ރަސްގެފާނުގެ ރަސްކަމުގެ ސަރަހައްދުގެ ތެރޭގައި ބަޔާން ކުރައްވާފައި ވަނީ ހަމަ ލޯމާފާނުގައި ވެސް އިޝާރާތް ކުރާ ސަރަހައްދެވެ.

މިދެންނެވި އަށީގެ އެންމެ ދެކުނުގައިވާ ރަށްރަށާމެދު މިހާރު ވަރަށް ގަދަޔަށް ބަހުސްކުރެވޭތީ އަޑު އެބައިވެއެވެ. ހަގީގަތުގައި ތާރީޚު ކިޔަވައިދިނުމުގެ މުހިއްމުކަން އިހުސާސްވަނީ މިފަދަ ބަހުސްތައް އަޑުއިވުމުންނެވެ. މީލާދީން ފަނަރަސަތޭކައިގެ އަހަރުތަކުގެ ތެރޭގައި ސުލްތާން އިބްރާހީމް ކަލާފާނުވެސް މި ރަށްތަކަކީ ދިވެހިރާއްޖޭގެ ރަށްތަކެއް ކަމަށް ފަރަންސޭސީންނަށް އަންގަވާފައިވެއެވެ. އެދުވަސްވަރު މި ސަރަހައްދު އިސްތިއުމާރުކުރަން ފެށީ ފަރަންސޭސީންނެވެ. މި ރަށްތަކަށް ދިވެހީން، ޕުއްލޮބައި، ފޮއްޅޮވަހި، ފޮއްޅޮވައި، ފޮއްޅަވަހި، ފޮއްޅަވައި، ފޯޅަވަހި ފަދަ ނަންތައް ކިޔާފައިވެއެވެ. އެއީ ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ "ފުލުއޮތްބައި" ކަން ދިވެހި ނިޔަމީންގެ ފޮތްތަކުންވެސް އެނގެއެވެ. މިހުންނަނީ ކޮންމެ ދިވެއްސަކަށްވެސް އެނގުން ލާޒިމު މިންވަރެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟