Close
ވިޔަފާރި

ތިނަދޫ ޕިކްނިކް އައިލެންޑް ހެދުމަށާއި ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

މުހައްމަދު އިޝާން

ގދ. ތިނަދޫގައި ޕިކްނިކް އައިލެންޑް ހެދުމުގެ މަސައްކަތާއި ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ތިނަދޫ ޕިކްނިކް އައިލެންޑް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 79.83 ރުފިޔާއަށް 580 ދުވަހުން ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން 47,243 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިން ފުންކުރުމާއި 12,335 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި 154 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 227 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި 267 މީޓަރުގެ ވެލި ބަރުކޮށްފައިވާ ބޭރު ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތްވެސް ކުރާނެއެވެ.

މީގެ އިތުރުން 22 މީޓަރުގެ ވެލި ބަރުކޮށްފައިވާ އެތެރޭ ރިވެޓްމެންޓެއް ޖެހުމާއި 204 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމާއި 570 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި މޫރިން ބޯއީސް ހަރުކުރުމުގެ އިތުރުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް ކުރާނެއެވެ.

އަދި 20 މީޓަރު ދިގު ތިން މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމާއި 1،365 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި 323 މީޓަރުގެ ކާބް ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

އެމްޓީސީސީން ބުނީ ތިނަދޫ ޕިކްނިކް އައިލެންޑު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހު ކަމަށެވެ.

ތިނަދޫގެ ފޭސް ދޭއްގެ އިންޑަސްޓްރިއަލް ޒޯންގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 53.41 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ތިން ހެކްޓަރުގެ ސަރަހައްދެއްގައި ބިން ހިއްކުމާއި 32,647 ކިއުބިކް މީޓަރުގެ ވެލި ރިވެޓްމެންޓަށް ބަރުކުރުމާއި 254 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ އިތުރުން 89 މީޓަރުގެ ޕްރީކާސްޓް އާރްސީ ރީޓެއިނިން ފާރެއް ލުމާއި ބަނދަރު ބައްތި ހަރުކުރުމާއި އަދި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

އަދި 47 މީޓަރު ދިގު ތިން މީޓަރު ފުޅާ ޓިމްބާ ޖެޓީއެއް ހެދުމާއި ޕިކްނިކް އައިލެންޑްގެ ދެ ހެކްޓަރުގެ ސަރަހައްދެއްގައި ބިން ހިއްކުމާއި ޕިކްނިކް އައިލެންޑްގެ 474 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ޕިކްނިކް އައިލެންޑްގެ 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

އެމްޓީސީސީން ބުނީ އެ ހުރިހާ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހު ކަމަށެވެ.