ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އެމްޑީޕީން ކެނޑިގެން އުފައްދާ، "ދަ ޑިމޮކްރެޓްސް" ޕާޓީ ރަޖިސްޓްރީކޮށް ޖަލްސާ ބާއްވަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިންހާ އަވަހަކަށް ޕާޓީގެ ހަރަކާތްތައް ފަށާނެ ކަމަށާއި، އެ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފައްޓަވާނެ ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިން ފައްޓަވާނެކަމަށް ހަސަން ލަތީފް ވިދާޅުވިއިރު، އެ ޕާޓީން ރިޔާސީ އިންތިހާބަށް ނިކުންނަވާނެ ކަމަށް ބެލެވޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދިވެސް ހުންނެވި އެމްޑީޕީން ވަކިވެވަޑައިނުގެން އެ ޕާޓީގެ ރައީސްކަމުގެ މަގާމުގައެވެ.

ޕާޓީ ރަޖިސްޓްރީ ކުރުމަށްޓަކައި 3560 ފޯމު މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ހަސަން ވިދާޅުވީ، އީސީން ހުއްދަދިންހާ އަވަހަކަށް ރިޔާސީން ކެމެޕެއިން ވެސް ފައްޓަވާނެ ކަމަށެވެ.

މިއަދު އީސީއަށް ހުށަހެޅި ފޯމުތަކުގެ ތެރޭގައި ރައީސް ނަޝީދުގެ ފޯމު ހިމެނޭތޯ، ނޫސްވެރިޔަކު ސުވާލު ކުރެއްވުމުން ހަސަން ވިދާޅުވީ އެ މައުލޫމާތު އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެކަމާބެހޭގޮތުން އެއްޗެއް ވިދާޅުވާން ބޭނުންނޫން ކަމަށެވެ. ނަމަވެސް އެ ފޯމުތަކުގެ ތެރޭގައި ރައީސް ނަޝީދުގެ ފޯމު ނުހިމެނޭ ކަމަކަށް ވިދާޅެއް ނުވެއެވެ.

ވިދާޅުވީ، "އޭގައި ތިބި ކޮންބައެއްކަމުގެ މައުލޫމާތެ ނޭރުވޭނެ، އެ މައުލޫމާތު ރަނގަޅުވާނީ އިލެކްޝަންސް ކޮމިޝަނުން ހޯއްދެވިއްޔާ،" ކަމަށެވެ.

ހަސަން ވިދާޅުވީ، މިއަދު ހުށަހެޅި 3560 ފޯމަކީ، ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އަދަދު ހަމަކުރުމަށް ހަފުތާއެއްގެ ތެރޭގައި ކުރި މަސައްކަތުން އެއްކުރެވުނު އަދަދުކަމަށެވެ.

"އަޅުގަނޑުމެން މެންބާޝިޕް ޑްރައިވެއް ނުބާއްވަން ރަށްރަށަށް ދަތުރެއް ނުކުރަން، ނަމަވެސް އީސީގައި ޕާޓީ ރަޖިސްޓްރީކޮށް ޖަލްސާ ބާއްވަން ހުއްދަދޭ ހިސާބުން، އަޅުގަނޑުމެންގެ ހަރަކާތްތައް ފަށާނަން، އޭރުން ޕާޓީ ޕްރިމޯޑް ކުރުމާއި ރިޔާސީ ކެމްޕެއިން ފަށާނަން،"

ހަސަން ވިދާޅުވީ އީސީއަށް ހުުށަހެޅި ފޯމުތަކުގެ ސައްހަ ކަމާމެދު ސުވާލެއް ނުއުފެދޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ވެރިފިކޭޝަން ޕްރޮސެސްއެއް ހިންގައިފަ، ފޯމުތައް ޔަގީންކޮށްފަ މި ހުށަހެޅީ،" ކަމަށް ހަސަން ވިދާޅުވިއެވެ.