ޚަބަރު

ހުޅުމާލެ ހޮޓަލުގެ ބަދަލުގައި އާބަންކޯއިން އެސްޓީއޯއަށް 2 ބިމެއް ދެނީ

މުހައްމަދު ޖަމްޝަތް ވަހީދު

އިމާރާތްކުރަން ފެށިތާ 12 އަހަރުވީ އިރު ވެސް މަސައްކަތް ނުނިމި ހުރި އެސްޓީއޯ ހުޅުމާލެ ހޮޓަލުގެ ބަދަލެއްގެ ގޮތުން އެ ކުންފުންޏަށް ދެ ބިން ދޭން އާބަންކޯ އިން އެއްބަސްވެފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯ އިން ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ސައީދު ވިދާޅުވީ، އެ ހޮޓަލާ ގުޅޭ ގޮތުން އެސްޓީއޯ އާއި އާބަންކޯއާ ދެމެދު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި އެ ހޮޓަލާާ ގުޅިގެން ދެ ފަރާތުން ސެޓްލްމެންޓް އެގްރީމެންޓަކަށް އާދެވިފައިވާ ކަމަށެވެ. ސެޓްލްމެންޓު އެއްބަސްވުމުގައި ދެ ކުންފުނިން ސޮއި ވެސް ކޮށްފައިވާ ކަމަށާއި، އެ އެއްބަސްވުމުގައިވާ ގޮތުން ސިޓީ ހޮޓަލަށް އެސްޓީއޯ އިން ކޮށްފައިވާ އިންވެސްޓުމެންޓުގެ ބަދަލުގައި އާބަންކޯ އިން އެސްޓީއޯއަށް ދެ ބިމެއް ދޭން ނިންމާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"މި އެގްރީމަންޓުގަ އެސްޓީއޯ އިން އިމާރާތްކުރި އިމާރާތާ ގުޅިގެން ލިބެން ޖެހޭ ފައިސާގެ ބަދަލުގަ އާބަންކޯ އިން ހުށަހަޅަނީ ބިން. އެކަމަށް ދެފަރާތުން ވެސް ވަނީ އެއްބަސްވެފަ. އެހެންނަމަވެސް އިންވެސްޓްމެންޓުގެ ބަދަލުގަ ލިބެން ޖެހޭ ބިމުގެ ލިޔެކިޔުންތަކުގައި ސޮއިކުރުމުގެ މަރުހަލާގައި އޮތީ" ސައީދު ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ ބަދަލުގެ ގޮތުގައި އާބަންކޯއިން ދޭން އެއްބަސްވި ބިމުގެ ލިޔެކިޔުންތައް ނުނިމޭތީ އެސްޓީއޯ އިން އާބަންކޯއަށް އަދި ހޮޓާ ހަވާލުނުކުރާ ކަމަށެވެ. އެ ހޮޓާ ބޭރު ބަޔަކަށް ކުއްޔަށް ދޭން އާބަންކޯ އިން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބަނދަރު ސަރަހައްދުގައި މަސައްކަތުގެ އެއްބައި ނިމިފައިހުރި އެ ހޮޓަލަކީ 2007 ވަނަ އަހަރު އެސްޓީއޯ އިން ބިޑްކޮށްގެން ނެގި ހޮޓަލެކެވެ. ފައިވް ސްޓާ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި އެސްޓީއޯ އިން އެ ހޮޓަލުގެ ކޮންސްޓްރަކްޝަން މަސައްކަތް ފެށީ 2011 ވަނަ އަހަރުއެވެ. މަޝްރޫއު ނިންމަން ތައިލެންޑުގެ އެގްޒިމް ބޭންކުން 32 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހޮޓަލުގެ 55 ޕަސަންޓު މަސައްކަތް ނިންމާލާފައިވަނިކޮށް، އެސްޓީއޯ އިން ހޮޓާ ހިންގުމުގެ ވިޔަފާރި ކޮށްގެން ނުވާނެ ކަމަށް 2014 ވަނަ އަހަރު ސަރުކާރުން އެންގުމުން އެ މަޝްރޫއު ވަނީ ހުއްޓާލާފައެވެ. އަދި އޭރުގެ ސަރުކާރުން އަންގައިގެން އެ ތަން ވިއްކާލަން އެސްޓީއޯ އިން ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.

ހޮޓަލުގެ މަސައްކަތް ނުނިމި އެތައް އަހަރެއް ވެފައިވާއިރު އޭގެ ސަބަބުން އެސްޓީއޯއަށް މާލީގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވާ ކަމަށް އެކުންފުނިން 2019 ވަނަ އަހަރު ވަނީ ހާމަކޮށްފަ އެވެ. އަދި 2019 ވަނަ އަހަރާ ހަމަޔަށް އެސްޓީއޯއިން އެ ހޮޓަލަށް 42.9 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށްވެސް އޭރު އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.