ސިޔާސީ ޕާޓީއަކަށް ވަންނަ ހުށަހަޅާ ފޯމާއި އަލަށް އުފައްދާ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދޭ ފޯމުގައި ފާސްޕޯޓް ސައިޒް ފޮޓޯއަކާއި މަންމަގެ މައުލޫމާތު ހިމަނަން ޖެހޭ ގޮތް ހަދައިފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ ސިޔާސީ ޕާޓީތަކުގެ ގަވައިދަށް ހަ ވަނަ އިސްލާހު ގެނެސް ގެޒެޓުގައި ޝާއިއުކޮށްފައެވެ. އެ ގަވައިދުގައި ވަނީ ސިޔާސީ ޕާޓީއަކަށް ވަންނަ ފޯމާއި އަލަށް އުފައްދާ ޕާޓީގެ ފޯމުގެ އިތުރުން ސިޔާސީ ޕާޓީއަށް ވަންނަ ފޯމުތަކަށް ޝަކުވާ ހުށަހެޅުމާ ބެހޭ އުސޫލަށް އިސްލާހު ގެނެސްފައެވެ.

އެގޮތުން ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުގެ ފޯމުގައި، މިއަދުން ފެށިގެން ޕާޓީއަށް ވަންނަ ފަރާތުގެ ޕާސްޕޯޓް ސައިޒް ފޮޓޯ އަކާއި އޭނާގެ މަންމަގެ ނަމާއި އެޑްރެސް ހިމަނަން ޖެހެއެވެ. އަދި އިހުތިޔާރީ ކަމެއްގެ ގޮތުގައި އެމީހާގެ އީމެއިލް އެޑްރެހާއި ސޯޝަލް މީޑިއާގެ އެކައުންޓްތަކުގެ މައުލޫމާތު ހިމަނަން ޖެހެއެވެ.

އުސޫލުގައިވާ ގޮތުގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް ފޯމު ހުށަހެޅުމުން، އެ ފޯމްގައި ޖަހާފައިވާ ނަމްބަރަށް، ސިޔާސީ ޕާޓީއަކަށް ވައްދަން ފޯމު ހުށަހަޅާފައިވާ ކަމަށް ބުނެ، އެސްއެމްއެސް ކުރާނެއެވެ. އަދި އެ މެސެޖަށް ހަތް ދުވަހުގެ ތެރޭގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށްވެސް އުސޫލުގައިވެއެވެ.

އެހެން ނަމަވެސް އެ ފޯމާއެކު، ވެރިފަރާތުން ފޯމްގެ އަވަހަށް ޕްރޮސެސް ކޮށްދިނުން އެދި ސިޓީއެއް ހުށަހަޅައިފިނަމަ، އެހެން ކަންކަން އިސްތިސްނާވާނެއެވެ. އެ ސިޓީގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު، އެ ފޯމް ހުށަހަޅާ ތާރީހުން ފެށިގެން އެއް ދުވަހުގެ ތެރޭގައި، ހުށަހަޅާ ޕާޓީއެއްގެ ދަފުތަރުގައި އެ ފަރާތުގެ ނަން ހިމަނަން ޖެހޭނެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު "ވަން" އަށް މިއަދު ވިދާޅުވީ މިހާރު ގެނެސްފައިވާ ބަދަލުގެ ތެރޭގައި ޕާޓީއަށް ވަންނަން ހުށަހަޅާ ފަރާތަކަށް، އީސީން އެސްއެމްއެސްއެއް ފޮނުވަން ޖެހޭނެ ކަމަށެވެ. ހަތް ދުވަސް ތެރޭގައި ޝަކުވާ ހުށަހަޅަން ފުރުސަތު ދިނުމަށްފަހު، އެ މުއްދަތުގައި ޝަކުވާ ހުށަހަޅާފައި ނުވާނަމަ، ފޯމް ޕްރޮސެސް ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން އަލަށް ސިޔާސީ ޕާޓީތަކަށް ވަންނަން އެދި ފޯމް ހުށަހަޅައި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ މައުލޫމާތު ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު އެ ކޮމިޝަންގެ ވެބްސައިޓްގައި އާންމު ކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން ޝަކުވާއެއް އޮތް ނަމަ، ހަތް ދުވަސް ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހަބީބު އިތުރަށް ވިދާޅުވީ މިހުރިހާ ބަދަލުތަކެއް ގެނެސްފައިވަނީ ވަގު ފޯމް ހުށަހެޅުން އިތުރުވެ، އެކަންކަން ހުއްޓުވުމަށް ކަމަށެވެ. މި ބަދަލުތަކާ އެކު އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.