މާލެއިން ފުރައިގެން ރ. އަތޮޅު މަޑުއްވަރީއަށް ދަތުރުކުރި ބޯޓެއް އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ މާލެއިން ފުރައިގެން 15 މީހުނާ އެކު ރ. އަތޮޅަށް ދަތުރުކުރަމުންދިޔަ "އާލާ" ނަމަކަށް ކިޔާ ބޯޓަކަށް ދިޔަވަމުން ދާތީ އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

އެ ބޯޓަށް ދިޔަވަމުންދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ ފަތިހު 05:22 ހާއިރުއެވެ. އެ ބޯޓު ދިޔަވަމުން ގޮސްފައިވަނީ ބ. އޭދަފުށީގެ ދެކުނުން 2.5 ނޯޓިކަލް މޭލު ބޭރުންނެވެ.

އާލާ ބޯޓުގައި ތިބި 15 މީހުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސަށް ވަނީ ނަގައިފައެވެ. އަދި އެ މީހުން މިހާރު ވަނީ އޭދަފުއްޓަށް ގެންގޮސްފައެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އެ ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށެވެ.