މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ 8 ގައުމުގެ ތެރެއިން ދެ ގައުމަކީ މި ސަރަހައްދުން ބޭރުގެ ދެ ގައުމެވެ. ކުވޭތާއި ލުބުނާނެވެ. އެއީ އަރަބި ކަރައަށް ނިސްބަތްވާ ދެ ގައުމެވެ. މީގެތެރެއިން ފުޓްބޯޅައިގެ އެންމެ ވަރުގަދަ އޮނިގަނޑަކާއި ސަގާފަތެއް އޮތީ ކުވޭތުގައެވެ. ކުވޭތުގެ އާބާދީއަކީ ގާތްގަޑަކަށް 4.45 މިލިޔަނެވެ. އޭގެތެރެއިން ކުވޭތުގެ އަސްލު ރައްޔިތުންގެ އަދަދަކީ 1.45 މިލިޔަނެވެ. ބާކީ ތިން މިލިޔަން މީހުންނަކީ ނުވަތަ ގައުމުގައި ދިރިއުޅޭ މީހުންގެ މެޖޯރިޓީއަކީ އެކި ގައުމުތަކުން ވަޒީފާ އަދާކުރުމަށް ގޮސްގެންއުޅޭ ބިދޭސީންނެވެ. ނަންހުސްކޮށް ހުރިހާ ގައުމަކަށް ނިސްބަތްވާ މީހުން އޭގެތެރޭގައި ހިމެނެއެވެ. ދިވެހިންވެސް ހިމެނޭގޮތުންނެވެ. އިންޑިޔާ، ޕާކިސްތާނު، ބަންގްލަދޭޝް، ސްރީލަންކާ އަދި މިސްރާއި ސޫދާނުވެސް ހިމެނޭގޮތުންނެވެ.
ކުވޭތުގެ ގައުމީ ފުޓްބޯޅަ ޓީމު މަޝްހޫރުވެފައި އޮންނަނީ އަލްއަރުޒަގު (ނޫ ރާޅު) ގެ ނަމުންނެވެ. މިއީ ނޫ ޖާރޒީއަށް ނިސްބަތްކޮށް ކިޔާންފެށި ނަމެކެވެ. ފީފާގެ ރޭންކިންގައި ކުވޭތު މިވަގުތު 143 ވަނައިގައި އޮތުމަކީ އެގައުމުގެ އަސްލު ފެންވަރު ކަމަށް ބައެއް މީހުން ހީކުރުން އެކަށީގެންވެއެވެ. އެކަމަކު އެހެނެއް ނޫނެވެ. ކުވޭތަކީ އަރަބި ފުޓްބޯޅައިގެ ވަރުގަދަ ބާރެކެވެ. ކުވޭތު ވަނީ 1982 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ކުޅެފައެވެ. އޭޝިއަން ކަޕުގައި ދިހަ ފަހަރު ވާދަކޮށް 1980 ވަނަ އަހަރު ޗެމްޕިއަންކަންވެސް ހޯދާފައިވެއެވެ. އަރަބި ގައުމުތަކުގެ ޗެމްޕިއަންކަން އެއްފަހަރު ހޯދައި ތިންފަހަރު ބްރޯންޒް ހޯދާފައިވެއެވެ. ހުޅަނގު އޭޝިޔާގެ ސަރަހައްދީ މުބާރާތުގައި ވާދަކޮށް 2010 ވަނަ އަހަރު ޗެމްޕިއަންކަންވެސް ހޯދާފައިވެއެވެ.
ކުވޭތަށް އެންމެ ގިނައިން ތަށި ހޯދިފައިވާ ބައިނަލްއަގުވާމީ މުބާރާތަކީ ގަލްފުގެ އަރަބި ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް ނުވަތަ ގަލްފު ކަޕެވެ. ސައޫދީ އަރަބިޔާ އާއި އެމިރޭޓްސް އާއި އިރާގާއި ގަތަރުވެސް ވާދަކުރާ މި މުބާރާތުގެ ތަށި މިހާތަނަށް ޖުމްލަ ދިހަ ފަހަރު ހޯދާފައިވެއެވެ. އެހެންނަމަވެސް އެންމެފަހުން ތަަށި ލިބުނީ 2010 ވަނަ އަހަރުއެވެ. އޭގެފަހުން ފާއިތުވި 13 އަހަރަކީ ކުވޭތުގެ ފުޓްބޯޅަޔަށް ބަނަ ދުވަސްތަކެކެވެ. ފީފާ ރޭންކިންގައި ކުވޭތުވަނީ 2017 ވަނަ އަހަރު ދުނިޔޭގެ 189 ވަނައަށްވެސް ސޮއްސާލައިފައެވެ. ދުނިޔޭގެ ރޭންކިންގައި ކުވޭތު އެންމެ މައްޗަށް ޖެހިލީ 1998 ވަނަ އަހަރުއެވެ. އެފަހަރު ދުނިޔޭގެ ސައުވީސްވަނައަށް އުފުލުނެވެ. ކުވޭތުގެ ކޯޗުކަންކުރި އެންމެ މަޝްހޫރު މީހަކީ ބްރެޒިލްއަށް ވޯލްޑްކަޕް ހޯދައިދިން ކޯޗު ފެލިއްޕެ ސްކޮލާރީއެވެ.
ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ކުވޭތުގެ ވިދުން ފަހަކަށް އައިސް ފަނޑުވުމުގެ ސިއްރަކީ ދޭތެރެ ދޭތެރެއިން ކުވޭތަށް ފީފާގެ ސަސްޕެންޝަންތަކާ ކުރިމަތިލާންޖެހުމެވެ. ފާއިތުވި ފަނަރަ އަހަރުގެ ތެރޭގައި ތިން ފަހަރަށް ފީފާއިން ވަނީ ކުވޭތު ސަސްޕެންޑް ކޮށްފައެވެ. ފުޓްބޯޅަ އެސޯސިއޭޝަނަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް އެންމެ ފުރަތަމަ 2007 ވަނަ އަހަރުއެވެ. ދެން އަނެއްކާވެސް ޖެހިގެން އައި 2008 ވަނަ އަހަރުއެވެ. އެފަހަރު ފީފާއިން އެންގި ގޮތަށް އެސޯސިއޭޝަނުގެ އިންތިޚާބު ބާއްވާފައި ނުވާތީއެވެ. ދެން އަނެއްކާވެސް ތިންވަނަ ފަހަރަށް ސަސްޕެންޑް ކުރީ 2015 ވަނަ އަހަރުއެވެ. މި ސަސްޕެންޝަން އަހަރުތަކަކަށް ދެމިގެންދިޔައެވެ. އެފަހަރު ސަސްޕެންޑްކުރީ ކުވޭތުގެ ކުޅިވަރާބެހޭ ގާނޫނު ބަދަލުކުރުމަށް މަޖުބޫރު ކުރުމުގެ ގޮތުންނެވެ.
ސާފް ޗެމްޕިއަންޝިޕްގައި ބަައިވެރިވުމުގެ ދައުވަތު ލިބުމުން އެ ދައުވަތު ކުވޭތުން މިފަހަރު ގަބޫލުކުރުމުގެ ސިއްރަކީ ސަސްޕެންޝަނަށްފަހު އެނބުރި އައިސް ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ތަޖުރިބާ އިތުރުކުރުމާއި ދުނިޔޭގެ ރޭންކިންގައި މައްޗަށް ޖެހިލުމަށް މިއީ ވަރަށްވެސް ރަނގަޅު ފުރުސަތެއްކަމަށް ބަލައިގެންނެވެ. ސާފް ޗެމްޕިއަންޝިޕްގައި މިފަހަރު ވާދަކުރާ ޓީމުތަކުގެ ތެރެއިން ބޫޓާނަކީ ޚާއްސަގޮތެއްގައި ކުވޭތުގެ ފޮނި ހަނދާންތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ޓީމެކެވެ. ކުވޭތު ވަނީ ދެހާސްވަނަ އަހަރުގެ ފެބްރުއަރީ ސާދަވަނަ ދުވަހު ބޫޓާނު އަތުން ވިހި ސުމެއްގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މިއީ އެދުވަހުން ފެށިގެން 2001 ވަނަ އަހަރާ ހަމަޔަށް ދުނިޔޭގެ ރިކޯޑެކެވެ. އެރިކޯޑު މުގުރައިލީ އެއްތިރީސް ސުމަކުން އެމެރިކަން ސެމޯއާ ބަލިކޮށް އޮސްޓްރޭލިޔާއިންނެވެ.
ކުވޭތުގެ އިހުގެ މަގާމަށް އަލުން އެޓީމު ގެނައުމުގެ ޒިންމާޔާ ހަވާލު ކުރެވިފައިވާ ކޯޗަކީ ޕޯޗުގަލްގެ ރުއި ބެންޓޯއެވެ. މީނާޔަކީ ޕޯޗުގަލްގެ ކުރީގެ ގައުމީ ޑިފެންޑަރެކެވެ. ޕޯޗުގަލްގެ ޖޫނިއަރ ގައުމީ ޓީމުތަކަށް ކޯޗުކޮށްދީ ބޮޑެތި ކާމިޔާބީތަކެއް ހޯދާދީފައިވާ ކޯޗެކެވެ. ކުލަބްތަކުގެ ތެރެއިން އޭނާ ކޯޗުކޮށްދިން އެންމެ މަޝްހޫރު ކުލަބަކީ ޕޯޗުގަލްގެ ބޯވިސްޓާއެވެ. ކޮންމެއަކަސް ރުއި ބެންޓޯގެ އިރުޝާދުގެ ދަށުން ކުވޭތު އެއަންނަނީ ސާފް ޗެމްޕިއަންޝިޕް ބަލައެވެ. ކޮންމެ ބަޔަކާ ޖެހުނަސް ތަފާތު ބޮޑުކޮށް އެބަޔަކު ބަލިކޮށް ކުވޭތުގެ ފަޚުރު އަލުން އިއާދަކުރުމަށްޓަކައެވެ. އެހެންވީމާ ރޭންކިންއަށް ބަލައިގެން އެއީ ދެންތިބި މީހުންނާވެސް އެއްވަރެއްގެ ބަޔެކޭ، މާބޮޑު ތަފާތެއް ނެތޭ ހީކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ. ކުވޭތަކީ މި މުބާރާތުން ފެންނާނެ ހުރިހައި ގޮތަކުންވެސް އެންމެ ވަރުގަދަ ޓީމެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023