ލޯފަން މީހުންނަށް އެހީތެރިއަކާ ނުލައި އަމިއްލައަށް ވޯޓު ލެވޭ ގޮތް ހަދަން ފާސްކޮށްފިއެވެ.

ލޯފަން މީހުންނަށް އެހީތެރިއަކާ ނުލައި އަމިއްލައަށް ވޯޓު ލެވޭ ގޮތް ހަދަން ސަރުކާރުގެ ފަރާތުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީގައި އިއްޔެ ވަނީ ބަހުސްކޮށްފައެވެ.

މުޅި މަޖިލީހުގެ ކޮމިޓީން ވަނީ މިއަދު އެ އިސްލާހު 63 މެމްބަރުންގެ ވޯޓުން ފާސްކޮށްފައެވެ.

ހިންނަވަރު ދާއިރާގެ މަޖިލިސް މެމްބަރު ޖީހާން މަހުމޫދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި ބިލު މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން 51 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 45 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށްޓަކައި ޖީހާން ހުށަހެޅުއްވި އެ އިސްލާހުގައި ބުނަނީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމަށް އެދޭ ނަމަ، އެކަމަށް ބޭނުންވާ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަ ޖެހިދާނެ ކަމަށެވެ.

އެ ޓެމްޕްލޭޓަކީ ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ލޯފަން މީހުންނަށް ވޯޓުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ. އެ ޕްލާސްޓިކް ޓެމްޕްލޭޓްގައި ވޯޓު ދިނުމަށްޓަކައި ފާހަގަ ޖަހަންޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަ ޖެހޭ ގޮތަށް ކެނޑުމެއް ހިމެނެން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިސްލާހުގައި ބުނެފައިވާ ގޮތުން، ލޯފަން މީހާއަށް ވޯޓު ކަރުދާސް އަދި ޓެމްޕްލޭޓް ދޫކުރުމަށްފަހު، އޭނާ ވޯޓުލައި ނިމެންދެން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެއްވެސް އޮފިޝަލަކު ނުވަތަ އެ ނޫންވެސް މީހަކު އެ ތަނުގައި ހާޒިރުވެ ހުރެގެން ނުވާނެއެވެ. އެ ފަރާތެއްގެ ވޯޓުގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

ގާނޫނަށް އިސްލާހު ހުށަހަޅާފައި މިވަނީ، އިންތިހާބުތަކުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އިން ގޮވާލާފައި ވަނިކޮށެވެ. އެކަމަށްޓަކައި އެ އެސޯސިއޭޝަނުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދާވެސް ބައްދަލުކޮށްފައެވެ.

މުޅި މަޖިލީހުގެ ކޮމިޓީން މިއަދު އެ އިސްލާހު ފާސްކުރުމާ ގުޅިގެން ނަޝީދު ވިދާޅުވީ މެމްބަރުންނަށް ގަވާއިދުގެ ދަށުން ދޭން ޖެހޭ ވަގުތު ދިނުމަށްފަހު ވީ އެންމެ އަވަހަށް އެ ބިލު މަޖިލިސް ތަޅުމަށް ގެންނާނެ ކަމަށެވެ.