ސްޓޫޑެންޓް ލޯނަށް މި އަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯން ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ފާއިތުވި ދެ އަހަރުގެ ޓޮޕް އެޗީވާސް އެވޯޑް ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން މި އަހަރުގެ ސްޓޫޑެންޓް ލޯނަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ނިންމީ މި އަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ކުދިންގެ ތެރެއިން ޝަރުތު ހަމަވި 1،225 ކުދިންނަށްވެސް ލޯނު ދޭން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަހަރު ދޭ ސްޓޫޑެންޓް ލޯނާއެކު އެ ލޯނު ދޫކުރި އަދަދު 3،211 އަށް އަރާފައިވާ ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކަމާ ގުޅޭ އިތުރު މައުލޫމާތު މާދަމާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރާނެ ކަމަށެވެ. އިތުރު އެއްވެސް ތަފުސީލެއް ނުދެއްވައެވެ.
ސްޓޫޑެންޓް ލޯނަކީ ސަރުކާރުން 2019 ވަނަ އަހަރުން ފެށިގެން ދޭން ފެށި ލޯނެކެވެ. ސްޓޫޑެންޓް ލޯނުގެ ދަށުން 1،986 އަށްވުރެ ގިނަ ދަރިވަރުން ދަނީ ކިޔަވަމުންނެވެ. އެ ލޯނު ދިނުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޮޑަށް އިސްކަން ދެނީ ރާއްޖެއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވާ ދާއިރާތަކުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށެވެ.