މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގި އިރު، މަޖިލިސް ތަޅުމަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވި ވަޒީރުންނަށް ލިޔުމުން ޖަވާބު ހުށަހެޅުމަށް އަންގާފައިނުވާ އިރު، ލިޔުމުން ޖަވާބު ހުށަހެޅުއްވި ވަޒީރަށް، މަޖިލިސް ތަޅުމަށް ހާޒިރުވާން ނޭނގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރޮޒައިނާ އެހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހެޅި، އެޓާނީ ޖެނެރަލް އިބްރާއިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންތައް ކުރެއްވި ގޮތާ ގުޅިގެންނެވެ.
ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް އެ މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެއީ މަޖިލީހަށް ވަޑައިނުގެން، ލިޔުމުން ޖަވާބުދާރީވުމަށް މަޖިލީހަށް ފޮނުއްވާފައިވާތީ އުފެދުނު ހިޔާލުތަފާތުވުމާ ގުޅިގެންނެވެ.
ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ށ)ގައި ބުނަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިއްޖެ ނަމަ، އެ މައްސަލައަށް މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންވާނެ ކަމަށެވެ. އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އެ ވަޒީރަކަށް ލިބިގެންވާ ކަމަށެވެ.
މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުން ވިދާޅުވަނީ އެ މާއްދާގައި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ބުނެފައި އެ ވަނީ، މަޖިލީހަށް ވަޑައިގެން ޖަވާބުދާރީވެ ވަޑައިގަންނަވާއިރު، އެކަމާބެހޭ ކިތާބީ ހެއްކާއި ޑޮކިއުމެންޓްރީ އެވިޑެންސް ހުށަހެޅުމަށް ކަމަށެވެ. އޭގެ މާނައަކީ މަޖިލީހަށް ވަޑައިނުގެން ލިޔުމުން ޖަވާބު ދެއްވުން ނޫން ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.
ނަމަވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވީ، ލިޔުމުން ޖަވާބުދާރީވުމާއި މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވުމަކީ ވަޒީރު ބޭނުންވާ ހިނދެއްގައި ބޭނުންކުރައްވަން އޮތް ފުރުސަތެއް ކަމަށާއި އޭގެން ކޮންމެ ހައްގެއްވެސް ވަޒީރަކު ބޭނުންވެއްޖެ ހިނދެއްގައި ދޫކޮށްލެވިދާނެ ކަމަށެވެ. އެގޮތުން އޭޖީ ލިޔުމުން ޖަވާބު ފޮނުއްވާފައިވަނީ ހާޒިރުވެވަޑައިގަތުމަށް ލިބިވަޑައިގެންފައިވާ ފުރުސަތު ބޭނުން ކުރައްވަން ބޭނުން ނުވާތީ ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލާގައި ހިޔާލުތަފާތުވުން ބޮޑުވެގެން، މަޖިލިސް ރައީސް ވަނީ ސިޔާސީ ޕާޓީތަކުގެ މެންބަރުންނާ ވާހަކަދައްކަވައިގެންވެސް ގޮތެއް ނުފެނުުމުން، އެ މައްސަލަ ކުރިއަށް ގެންދިއުން ފަސްކޮށް، އެކަމާމެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދިވަޑައިގަތުމަށް ނިންމަވައިފައެވެ.
އެ ނިންމެވުމާ ގުޅިގެން ރޮޒައިނާ ވިދާޅުވީ، އެފަދަ މައްސަލަތަކުގައި މީގެ ކުރިން މަޖިލީހުގައި ކަންހިނގާފައި އޮތީ އެގޮތަށް ނޫން ކަމަށެވެ. އަދި ޖަވާބުދާރީވުމަށް އޭޖީ މަޖިލިސް ތަޅުމަށް ހާޒިރުވާން ޖެހޭނެ ކަމަށް، ގާނޫނުއަސާސީގެ 101 ވަނަ މާއްދާ ވަކި ގޮތަކަށް މިއަދު މާނަކުރެވިގެންނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ވަކި މިއަދަކު ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ށ) މިގޮތަކަށް މާނައެއް ނުކުރެވޭނެ، މީގެ ކުރީގައި މި ތަނަށް ހާޒިރުވެވަޑައިގެން ޖަވާބު ދާރީވި ބޭފުޅުންނަށް ލިޔުން އިތުރަށް ގެންނަން އަންގާފައި ނެތް ކަމަށް ވަންޏާ، މިއަދު ލިޔުން ހުށަހެޅުއްވި ވަޒީރަށް ހާޒިރުވާކަށް ނޭންގޭނެ، އެހެންވީމަ ވަރަށް ސާފުކޮށް މި މައްސަލަ އޮތް ގޮތް އެބަ އެނގޭ، ވޯޓު ނުނަގަންވެގެން ތިކުރައްވާ މަސައްކަތެއް ތިކުރައްވަނީ،" ރޮޒައިނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކިތަންމެ ދުވަހެއް ކޮށްފައި މި ވޯޓު ނެގި ނަމަވެސް، އޭޖީގެ އިތުބާރު އޮތް ކަމަށް މަޖިލީހުން ފާސްވާނެ ކަމަށެވެ.
މަޖިލިސް ރައީސްވެސް ވަނީ މީގެ ކުރިން ނެގި އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ބައެއް ވަޒީރުން މަޖިލިސް ތަޅުމަށް ވަޑައިގެންނެވި ކަމަށާއި އަނެއް ބައި ވަޒީރުން މަޖިލިސް ތަޅުމަށް ވަޑައިނުގަންނަވައި، ލިޔުމުން ޖަވާބު ފޮނުއްވި ކަމަށް ވިދާޅުވެފައެވެ.
"2009 ވަަނަ އަހަރު ހާރިޖީ ވަޒީރުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ހުށަހެޅުނު، އެ ފަހަރު ހާރިޖީ ވަޒީރު މި ތަނަށް ވަޑައިގެން ޖަވާބުދާރީވެ ވަޑައިގެންނެވި، އެއަށްފަހު އާއިޝަތު އާޒިމާ ޝުކޫރު ބަނޑާރަ ނާއިބު ކަމުގައި 29 އޮކްޓޯބަރު 2013 ގައި ލިޔުމެއް ނުފޮނުއްވާ ވަޑައެއްވެސް ނުގަންނަވާ، އެންމެ ފަހު ވަގުތު އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވި، އެއަށްފަހުގައި ނާއިބު ރައީސް ޑރ. ޖަމީލު ލިޔުމެއް ސޮއިކުރައްވާފައެއް ނުފޮނުއްވާ މިތަނަކަށް، ފޮނުވި ލިޔުމެއް ނުކިޔާ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.