ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ 'ފިކުރެއްގެ ދިރުން' އިން އުފައްދާ އާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކުރަން މާދަމާ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ދަ ޑިމޮކްރެޓްސް އުފައްދަން އީސީއަށް ފޯމު ހުށަހެޅީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އެ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ދިނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
އީސީން ޕާޓީ އުފައްދަން ހުއްދަ ދިނުމުން ދަ ޑިމޮކްރެޓްސް ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތް ފަށައިފައެވެ. އެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ 3،000 މެމްބަރުންގެ ފޯމު ހުށަހެޅުމުންނެވެ.
ދަ ޑިމޮކްރެޓްސުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ޕާޓީ ރަޖިސްޓްރީ ކުރަން އީސީއަށް ހުށަހެޅުމަށް ހަމަޖެހިފައިވާތީ ޕާޓީއަށް ސޮއިކުރި ހުރިހާ މީހުން މިރޭ 11:00 ގެ ކުރިން ފޯމު ހަވާލުކުރުމަށް އެދޭ ކަމަށެވެ.
"މާދަމާ ހެނދުނު ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭނުންވާ މެންބާޝިޕް ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ދާން ހަމަޖެހިފައިވާތީ އެންމެ ލަސްވެގެން މިރޭ 11:00 އަށް ހުރިހާ ފަރާތަކުންވެސް ގ.ބޮޑުފެންވަޅުގެއަށް ފޯމުތައް ގެނެސްދެއްވުން އެދެން،" ޓުވީޓުގައިވެއެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭނުންވާ މެންބާޝިޕް ފޯމުތައް އީސީއާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 11:15 ގައި ދަރުބާރުގޭގައެވެ. ނަމަވެސް އެ ޕާޓީއަށް މިހާތަނަށް ސޮއިކޮށްފައިވަނީ ކިތައް މެމްބަރުން ކަމެއް އެ ޕާޓީން ނުބުނެއެވެ.