ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި، އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި، ރިފްއަތު މަޖިލީހަށް ވަޑައިނުގެން، ލިޔުމުން ޖަވާބުދާރީވުމަށް މަޖިލީހަށް ފޮނުއްވާފައިވާތީ، އެކަމާމެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުގެ ލަފާ ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.
އެ މަނިކުފާނު މިގޮތަށް ނިންމެވީ، ގާނޫނުއަސީގެ 101 ވަނަ މާއްދާގެ ދަށުން، އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމަށް އޭޖީއަށް ލިބިވަޑައިގަންނަވާ ފުރުސަތުގައި މަޖިލީހަށް ހާޒިރުވެ ވަޑައިނުގެން ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހަށް ފޮނުއްވި މައްސަލައިގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ.
ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ށ)ގައި ބުނަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިއްޖެނަމަ، އެ މައްސަލައަށް މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ މެންބަރަކަށް އެކަން އަންގަންވާނެ ކަމަށެވެ. އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވާ ކަމަށެވެ.
މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުން ވިދާޅުވަނީ އެ މާއްދާގައި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވާކަމަށް ބުނެފައި އެވަނީ، މަޖިލީހަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވާއިރު، އެކަމާބެހޭ ކިތާބީ ހެއްކާއި ޑޮކިއުމެންޓްރީ އެވިޑެންސް ހުށަހެޅުމަށް ކަމަށެވެ. އޭގެ މާނައަކީ މަޖިލީހަށް ވަޑައިނުގެން ލިޔުމުން ޖަވާބު ދެއްވުން ނޫން ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.
ނަމަވެސް އެމްޑީޕީ މެންބަރުން ވިދާޅުވީ، ލިޔުމުން ޖަވާބުދާރީ ވުމާއި، މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވުމަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބޭނުންވާހިނދެއްގައި ބޭނުންކުރައްވަން އޮތް ފުރުސަތެއް ކަމަށާއި، އޭގެން ކޮންމެ ހައްގެއްވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރު ބޭނުންވެއްޖެ ހިނދެއްގައި ދޫކޮށްލެވިދާނެ ކަމަށެވެ.
ލިޔުމުން ޖަވާބުދާރީވާން އޭޖީ މަޖިލީހަށް ފޮނުއްވާފައި ވަނީ ހާޒިރުވެވަޑައިގަތުމަށް ލިބިވަޑައިގެންފައިވާ ފުރުސަތު ބޭނުން ކުރައްވަން ބޭނުން ނުވާތީ ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލައިގެ ހިޔާލުތަފާތުވުން ބޮޑުވެގެން ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކޮށްގެން ގޮތެއް ނިންމުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު މަޖިލިސް މެދުކަނޑުއްވައިލެއްވިއެވެ. އެއަށްފަހު މަޖިލިސް ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެވިއްޖެ ކަމަށާއި، ނަމަވެސް ނަތީޖާއެއް ނުލިބުނު ކަމަށެވެ.
އެމްޑީޕީނޫން އެހެން ޕާޓީތަކުން ދެކޭ ގޮތުގައި އޭޖީ މަޖިލީހަށް ހާޒިރުވެ ވަޑައިގަންނަވަން ޖެހޭނެ ކަަމަށްވެސް ވިދާޅުވިއެވެ.
މިހާރުއޮތް ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށުމަށްފަހު މަޖިލީހުގައި އިތުބާރުނެތްކަމުގެ މައްސަލަތައް ކުރިއަށްދިޔަ ގޮތް ހާމަކޮށްދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، "2009 ވަަނަ އަހަރު ހާރިޖީ ވަޒީރުގެ އިތުބާރުނެތްކަމުގެ ވޯޓެއް ހުށަހެޅުނު، އެފަހަރު ހާރިޖީ ވަޒީރު މިތަނަށް ވަޑައިގެން ޖަވާބުދާރީވެ ވަޑައިގެންނެވި، އެއަށްފަހު އާއިޝަތު އާޒިމާ ޝުކޫރު ބަނޑާރަ ނާއިބު ކަމުގައި 29 އޮކްޓޫބަރު 2013 ގައި ލިޔުމެއް ނުފޮނުއްވާ ވަޑައެއްވެސް ނުގަންނަވާ، އެންމެ ފަހު ވަގުތު އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވި، އެއަށްފަހުގައި ނާއިބު ރައީސް ޑރ. ޖަމީލު ލިޔުމެއް ސޮއިކުރައްވާފައެއް ނުފޮނުއްވާ މިތަނަކަށް، ފޮނުވި ލިޔުމެއް ނުކިޔާ،" ކަމަށެވެ.
ޕީޕީއެމް، ޕީއެންސީ، އެމްއެންޕީން ދެކޭގޮތުގައި ބަންޑާރަ ނައިބަށާއި ވަޒީރުބޭފުޅުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގަކީ ކިތާބީ ހެއްކާ އެކުގައި، ނުވަތަ ޑޮކިއުނެމްޓްރީ އެވިޑެންސާ އެކުގައި މަޖިލީހަށް ވަޑައިގެން ޖަވާބުދާރިވެވަޑައިގަތުން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި އެނޫން ގޮތަކަށް އެކަން ކުރިއަށްދާނެ ގޮތަކަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ނުވާކަމަށް އެބޭފުޅުން ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މިބާވަތުގެ ކަންކަމުގައި "އަޅުގަނޑު ޖެހޭނީ އިސްތިރާޝީ ލަފައެއް ހޯދަން، ގާނޫނުއަސާސީ މާނަކުރެވުނުއިރު ނުވަތަ އެކުލަވައިލެވުނުއިރު އޮތްގޮތާއި، މިބާވަތުގެ ގާނޫނީ ވާހަކަތައް އަޅުގަނޑު އެދޭގޮތަކީ ސުޕްރީމްކޯޓުގެ ނިންމުމެއް،"
އެއީ ގާނޫނުއަސާސީއާ ހިލާފަށް ވަޒީރު ބޭފުޅަކު ވަކިކުރުމުގެ އިޖުރާއަތްތައް ހިންގުމަކީ ރިޔާސަތުގައި އިންނަވައިގެން އެ މަނިކުފާނަށް ކުރެއްވޭނެ ކަމަކަށް ނުވާތީ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އިތުބާރުނެތް ކަމުގެ ވޯޓުގެ މައްސަލަ އެ ހިސާބުން ނިންމަވައިލެއްވުމަށްފަހު އެޖެންޑާގައި ދެން ހިމެނޭ މަސައްކަތްތައް ފެއްޓެވިއެވެ.