ކާބޯތަކެއްޗަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޑް ކާނިވަލް، އާބަންކޯ މޯލްޑިވްސް ފޫޑް ކާނިވަލް 2023 ޖޫންގައި ބާއްވަން ނިންމައިފި އެވެ.

ތިންކް އެސޯޝިއޭޓްސްގެ ފަރާތުން ބާއްވާ މި ހާއްސަ ކާނިވަލުގެ ޓައިޓަލް ސްޕޮންސަރަކީ އާބަންކޯ އެވެ. މި ކާނިވަލުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި އާބަންކޯ ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު އެވެ. އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ. ތިންކްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދީލް އިސްމާއިލް އެވެ.

ޖޫން މަހުގެ 20 އިން 24 އަށް ކުރިއަށްގެންދާ މި ކާނިވާ އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

އާބަންކޯ އިން މިއަދު ބުނީ ހަތަރު ދުވަހުގެ، މި ކާނިވަލަކީ މަޖާ އުފާވެރި މާހައުލެއްގައި، ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް ގޭމްތަކާއި، ތަފާތު ގިނަ މީރު ކާނާތައް އެއްތަނަކުން ކާނިވަލެއްގެ ސިފައިގައި ތަޖުރިބާ ކޮށްލުމަށް ބޭއްވޭ ކާނިވަލެއް ކަމަށެވެ.

މި ހާއްސަ ކާނިވަލުގައި ރާއްޖޭގެ އެކި ރަހަތަކާއި ދުނިޔޭގެ އެކި ރަހަތައް ލިބިގެންދާނެ ކަމަށާއި އޭގެ އިތުރުން ކާބޯތަކެތީގެ ވިޔަފާރީގައި އުޅޭ އެކި ފަންތީގެ ވިޔަފާރިތަކަށް ވެސް ޕްރޮޑަކްޓްތައް ދައްކާލުމުށާއި މާކެޓް ކުރުމުގެ ފުރުސަތު މި ކާނިވާ މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ވެސް އާބަންކޯ އިން ބުންޏެވެ.