Close
ކްރިކެޓް

ޖަދޭގާގެ ތަފާތާއެކު ޗެންނާއީން އައިޕީއެލް ކާމިޔާބުކޮށްފި

ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް ފްރެންޗައިސް، އިންޑިއަން ޕްރިއާ ލީގު (އައިޕީއެލް) ގެ ޗެމްޕިއަންކަން ޗެންނާއީ ސުޕަ ކިންގްސް އިން ހޯދައިފިއެވެ.

ޗެންނާއީން ރޭ ތަށި ހޯދީ ފަސް ވިކެޓުން އެންމެ ފަހުގެ ޗެމްޕިއަން ގުޖުރާތު ޓައިޓަންސް ބަލިކޮށްފައެވެ. ރޭގެ ތަށްޓަކި ޗެންނާއީން ހޯދި އައިޕީއެލްގެ ފަސްވަނަ ތަށްޓެވެ. ރޭގެ ތަށްޓާއެކު އެޓީމުން ވަނީ އައިޕީއެލްގެ އެންމެ ކާމިޔާބު ޓީމު، މުމްބާއީ އިންޑިއަންސްގެ ރެކޯޑާ ހަމަކޮށްފައެވެ. މިހާތަނަށް އައިޕީއެލްގެ 10 ފައިނަލެއްގައި ޗެންނާއީ ސުޕަ ކިންގްސް ކުޅެފައިވާ އިރު، އެޓީމަކީ އައިޕީއެލްގެ އެންމެ ކާމިޔާބު ޓީމެވެ.

ރޭގެ ފައިނަލަކީ އާދިއްތަ ދުވަހުގެ ރޭ ކުޅެން ތާވަލުކުރި ފައިނަލެއް ނަމަވެސް ވިއްސާރައިގެ ސަބަބުން މެޗު ޖެހުނީ ފަސް ކުރާށެވެ. ވިއްސާރައިގެ ސަބަބުން ރޭ ވެސް މެޗު ނުކުޅެވޭ ހާލަތަށް ދިޔަނަމަ، ތަށި ލިބެން އޮތީ ގުޖުރާތަށެވެ. އެއީ ގަވާއިދުގައި ބުނާ ގޮތުން، ލީގު ބުރުގެ ޕޮއިންޓް ސިސްޓަމަށް ބަލައިގެން ތަށި ދިނުމަށެވެ.

އަހުމަދުއާބާދުގެ ސަރުދާރު ޕަޓޭލް ސްޓޭޑިއަމްގައި ރޭ 75،000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗުގައި ޓޮސް ދިމާވުމުން ޗެންނާއީ އިން ނިންމީ ފީލްޑް ކުރާށެވެ.

ކުޅުމަށް ނުކުމެ، ފުރަތަމަ އިނިންގްސްގައި 20 އޯވަރުގެ ތެރޭގައި ގުޖުރާތުން ވަނީ ހަތަރު ކުޅުންތެރިން ނުބައިވެގެން 214 ލަނޑު ހަދައިފައެވެ. ގުޖުރާތު ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 47 ބޯޅައިން 96 ލަނޑު ހެދި ސައި ސުދަރްސަންއެވެ.

ސުޕަ ކިންގްސްއިން ބެޓަށް ނުކުތް ގަޑީ ވިއްސާރަވުމުގެ ސަބަބުން އެޓީމުގެ ޓާގެޓް 171 ލަނޑަށް ކުޑަކޮށްފައިވާ އިރު، އެޓީމަށް ލިބުނީ 15 އޯވަރެވެ.

ޗެންނާއީން ބެޓިން ރަނގަޅަށް ފެށި ނަމަވެސް، ކެޕްޓަން މަހިންދުރަ ސިންގް ދޯނީއަށް ލަނޑެއް ނުހެދުމުން އެޓީމު ޕްރެޝަރަށް ދިޔައެވެ. އެހެން ނަމަވެސް އެ ޕްރެޝަރު ފިލުވާލައި، ތަށި ޔަގީންކޮށްދިނީ އޭގެ ފަހުން ކުޅެން ނުކުތް ޖަދޭޖާއެވެ. ޖަދޭޖާ ނުބައިނުވެ މެޗު ނިންމާލި އިރު، ފަހު ދެ ބޯޅައިން 10 ލަނޑު ހެދީ އެއް ބޯޅަ ހަޔަކަށް އަދި އަނެއް ބޯޅަ ހަތަރަކަށް ޖަހައިގެންނެވެ.

ރޭގެ މެޗުގައި ޖަދޭޖާ ދެއްކި ތާރީހީ ކުޅުމާއެކު އޭނާ ބުނީ މެޗަށް ނުކުތް އިރުވެސް ކޮންމެ ބޯޅައެއް މުހިއްމުވެފައިވާކަން އެނގޭ ކަމަށާއި އެ ފުރުސަތުގެ ބޭނުން ކުރަން ބެލީ ވީހާވެސް ބާރަށް ބެޓްކުރުމަށް ކަމަށެވެ.