ޚަބަރު

އެންވަޔަރުމެންޓް ސްޓޭޓް މިނިސްޓަރުގެ މަގާމުން މުޖުތަބާ ވަކިކޮށްފި

މުހައްމަދު އިޝާން

އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އަހުމަދު މުޖުތަބާ ވަކިކޮށްފިއެވެ.

ރައީސް އޮފީހުގެ ފަރާތުން، އެ އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު (އިބުރޭ) ސޮއިކުރައްވައި މުޖުތަބާއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން މުޖުތަބާ ވަކިކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

މުޖުތަބާ ވަނީ އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުމުން" އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް" ޕާޓީއަށް ސޮއިކުރައްވައިފައެވެ.

މުޖުތަބާ މަގާމުން ވަކިކުރެއްވުމާ ގުޅިގެން ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޖުތަބާއަކީ އެމްޑީޕީން ކުރިއަށް ގެންދިޔަ އިސްލާހީ ހަރަކާތްތަކުގައި އެންމެ ވަރުގަދަ އެއް ތަނބު ކަމަށެވެ.

"ރައީސް ސޯލިހު މިއަދު ސަރުކާރުން ވަކިކުރެއްވި މުޖުތަބާ އަކީ މުޅި އިސްލާހީ ހަރަކާތުގެ އެންމެ ވަރުގަދަ އެއް ތަނބު. ރައީސް ސޯލިހު ލަދުފުޅު ނުގަނޭބާ އޭ ހިތަށް އަރާ،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ހާޝީމް (ސްމިތު) ވެސް ވަނީ މިއަދު ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުން ވަކިކޮށްފައެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވައިގެން " ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވި މީހުން ސަރުކާރުން ގެންދަނީ މަގާމުން ވަކިކުރަމުންނެވެ.

އެކަމާ ގުޅޭގޮތުން އިބުރޭ "ވަން" އަށް އިއްޔެ ވިދާޅުވެފައިވަނީ އެ މަގާމުތަކަކީ އެމްޑީޕީގެ މެމްބަރުންގެ މަގާމުތަކެއް ކަމަށާއި އެ މަގާމުތަކުގައި ތިބެވޭނީ އެ ޕާޓީގެ މެމްބަރުންނަށް ކަމަށެވެ.