ރާއްޖޭގައި ދަރިމައިވާ ނިސްބަތް އަހަރުން އަހަރަށް ދަށްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ކެއާ ކްލިނިކް ހުޅުވުމަށް އެ ހޮސްޕިޓަލުގައި މިއަދު ހެދުނު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދަރިމައި ނުވުމުގެ މައްސަލައަކީ މުޅި އޭޝިއާ ސަރަހައްދުގައި ވެސް ބޮޑު މައްސަލައެއް ކަމަށެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކޮންމެވެސް ވަރަކަށް މި މައްސަލަ އެބަ އޮތް ކަމަށާއި ވޯލްޑް ބޭންކުގެ ހިސާބުތަކަށް ބަލާއިރުވެސް ރާއްޖޭގައި ދަރިމައިވާ ނިސްބަތް އަހަރުން އަހަރަށް ދަށްވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ވޯލްޑް ބޭންކުގެ ހިސާބުތަކަށް ބަލާއިރު، ދަރިމައިވާ ނިސްބަތް ރާއްޖޭގައި އަދިވެސް ދަނީ އަހަރުން އަހަރަށް ދަށްވަމުން. އައިވީއެފްގެ ހިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދާ ދިވެހިންގެ އަދަދުންވެސް އަޅުގަނޑުމެންނަށް އެކަން ފާހަގަކުރެވިގެންދޭ" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިހާތަނަށް ދިވެހިން މި ހިދުމަތް ހޯދަން ޖެހިފައި އޮތް ގޮތުން، އެ ފަރުވާ ހޯދާ ދެމަފިރިންނަށް ނަފްސާނީ ގޮތުން ވެސް ވަރަށް ގިނަ ތަކުލީފުތައް އުފުލަންޖެހޭ ކަމަށެވެ. ޓްރީޓޮޕްގައި މިއަދު ހުޅުވި ފާޓިލިޓީ ސެންޓަރުން ދޭ ފަރުވާއަކީ މުޅިން އަލަށް ރާއްޖޭގައި ފަށާ ފަރުވާއަކަށް ވިޔަސް، މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ފަރުވާއެއް ކަމަށާއި އެ ހިދުމަތް ފުޅާކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތަށް، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖެއިން ބޭރުން މި ފަރުވާ ހޯދާ މީހުން ވަރަށް ގިނަ ތަކުލީފުތަކެއް އުފުލައި، ވަރަށް ބޮޑު ހޭދައެއް ކުރޭ. ވަރަށްބޮޑު ގުރުބާނީއެއް ވޭ. ބައެއްފަހަރު ތިން ލައްކަ، ހަތަރު ލައްކަ ރުފިޔާ ހަރަދުކުރޭ" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ މިފަދަ ސިއްހީ މައްސަލަތަކުގެ ހަގީގަތް ހޯދުމަކީ ރާއްޖެއިން ކުރަން ޖެހިފައި އޮތް ކަމެއް ކަމަށާއި އެފަދަ މައްސަލަތަކަކީ ކާބޯތަކެއްޗާ ގުޅުން ހުރި މައްސަލައެއްތޯ، ނޫނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި މައްސަލައެއްތޯވެސް މިހާރު ދެނެގެންނަން ޖެހޭ ކަމަށެވެ. އެ މައްސަލައިގެ މޫ އޮތީ ކޮން ހިސާބެއްގައިކަން ދެނެގަނެވުމުން، މައްސަލަ ހައްލުކުރުމަށް މިހާރަށްވުރެ ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ދަރިމައި ނުވުމުގެ މައްސަލަތަކަށް ފަރުވާ ދިނުމަށް ސަރުކާރުން ނޭޝަނަލް ފާޓިލިޓީ ކެއާ ޕްރޮގްރާމެއް ތައާރަފުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެ ޕްރޮގްރާމް ތައާރަފުކުރުމަށްޓަކައި މިފަދަ ޕްރޮގްރާމަކަށް ޝަރުތު ފުރިހަމަވާނެ މީހުން ކަނޑައެޅުމާއި، ދަރިމައިވުމުގެ ސިއްޙަތާ ގުޅޭ މައުލޫމާތު، ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދެވޭނެ މާލީ ނިޒާމަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.