ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް އައްޔަންކުރެއްވި ހއ. ކެލާ ކޮކާގެ މުހައްމަދު އާޒާދަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީފުޅު، މަޖިލީހަށް އިއްވެވީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗްލާސް ޑިގްރީއަކާއި ސައިންސް އިން ފައިނޭންސް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ އާޒާދަކީ ސީއެފްއޭ ޗާޓާ ހޯލްޑަރެކެވެ.
ފިނޭންސް މިނިސްޓްރީގެ ފައިނޭންޝިއަލް ކޮންޓްރޯލާގެ މަގާމާއި، ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ރިފޯމް ކޮންސަލްޓަންޓެއްގެ މަގާމާއި އެސްއޯއީ ފައިނޭންޝިއަލް ކޮންސަލްޓަންޓްގެ މަގާމުގެ އިތުރުން ހަޒާނާ މޯލްޑިވްސްގެ އެކައުންޓް އެންޑް ފައިނޭންސްގެ އިސްވެރިޔާގެ މަގާމުވެސް މީގެކުރިން އޭނާ އަދާކުރައްވާފައިވއެވެ. މީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަގާމު ވެސް އޭނާ އަދާ ކުރައްވާފައިވެއެވެ.
އޭނާގެ ނަން އިތުރަށް ދިރާސާ ކުރުމަށް މަޖިލިސް ރައީސް ވަނީ، މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ފޮނުއްވައިފައެވެ.