ޚަބަރު

އީވާ މަގާމުން ވަކިކޮށް، ދެ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލައަށް އެމްޑީޕީން ތުރީލައިން ވިޕެއް ނެރެފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިކުރުމަށާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ދެކޮޅަށް، ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓަރީ ގްރޫޕުން ތުރީލައިން ވިޕެއް ނެރެފި އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް "ވަން"އަށް ދެންމެ ވަނީ، އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ނިންމުން ނިންމާފައިވާ ކަން ކަށަވަރުކޮށްދެއްވައިފައެވެ.

ތުރީލައިން ވިޕެއް ނެރެފިނަމަ އެއަށް އަމަލުކުރުން ލާޒިމް ވާނެ އެވެ.

ޗާގޯސް މައްސަލައާ ގުޅުވައިގެން ދެ ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ އިދިކޮޅު ފަރާތްތަކުންނެވެ. އީވާގެ މައްސަލަ މަޖިލީހަށް ވެއްދީ އޭނާ އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް" ކިޔާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާތީ އެމްޑީޕީގެ ފަރާތުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި އަންނަ ބުދަ ދުވަހަށް ރިފްއަތުގެ މައްސަލަ ތާވަލުކޮށްފައި ވާއިރު، ޝާހިދުގެ މައްސަލަ ތާވަލުކުރީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ޖަލްސާ އަށެވެ. އީވާގެ މައްސަލަ ތާވަލުކުރީ އަންނަ މަހުގެ 11 ވަނަ ދުވަހަށެވެ.