ރިޕޯޓް

އަދުގެ ދުނިޔެ: އުރުދުޣާނުގެ ކާމިޔާބަކީ ހުޅަނގުގެ ނާކާމިޔާބެކެވެ.

އިމާދު ލަތީފު

ތުރުކީވިލާތުގައި އާދީއްތަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވައި ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ރިޔާސަތުގެ އައު ދައުރަކަށް ހޮވިވަޑައިގެންފިކަން އެތާގެ ސްޕްރީމް އިލެކްޝަން ކައުންސިލުން މިހާރުވަނީ އިއުލާންކޮށްފައެވެ. އުރުދުޣާނަށް ވޯޓުގެ 52.17 އިންސައްތަ ލިބިވަޑައިގެންނެވިއިރު އޭނާގެ ވާދަވެރިޔާ ކަމާލް ކަލިޗްޑަރޫލޫއަށް ހޯއްދެވުނީ 47.87 އިންސައްތައެވެ. މިއީ މިހާތަނަށް އުރުދުޣާނަށް އެންމެ ބޮޑު ދައްޗަކާ ކުރިމަތިވެވަޑައިގެންނެވި އިންތިޚާބެވެ. އޭނާ ވެރިކަން ކުރައްވާތާ ވިހި އަހަރު ވެއްޖެއެވެ. ތުރުކީގެ މިޒަމާނުގެ ތާރީޚުގައި އެންމެ ގިނަދުވަހު ވެރިކަންކުރެއްވުމުގެ ރިކޯޑުވެސް އޮތީ އުރުދުޣާނަށެވެ. އެންމެ ފުރަތަމަ 2003 ވަނަ އަހަރު ބޮޑުވަޒީރުގެ ގޮތުގައެވެ. ދެން 2014 ވަނަ އަހަރުން ފެށިގެން ރައީސްގެ ގޮތުގައެވެ.

އުސްމާނީ ޚިލާފަތު އުވާލައި ތުރުކީގައި ޖުމްހޫރިއްޔަތެއް އިއުލާންކުރިތާ މިއަހަރަކީ ސަތޭކަވަނަ އަހަރެވެ. މިދެންނެވި ދިގު ތާރީޚުގައި މިއަށްވުރެ ވާދަވެރި އިންތިޚާބެއް އަދި ނުފެނެއެވެ. ނުބޭއްވެއެވެ. މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނު އިންތިޚާބެއް ތުރުކީގައި ނުބާއްވައެވެ. އެހައިވެސް މިފަހަރުގެ ވާދަވެރިކަން ބޮޑެވެ. ތަފާތުވެސް ކުޑައެވެ. މުޅި ހުޅަނގު ޔޫރަޕް ބޭނުންވީ އުރުދުޣާނުގެ ވެރިކަން ނިމުމަކަށް ގެނައުމަށެވެ. އެމެރިކާ އާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަންވިލާތްވެސް ހިމެނޭ ގޮތުންނެވެ. އުރުދުޣާނުގެ ދިގު ވެރިކަމުގައި އޭނާ ވަނީ ހުޅަނގުން ޖަހާހައި ބެރަކަށް ނުނަށައި އަމިއްލަ ފައިމައްޗަށް ތެދުވެގެން އަމިއްލަ މިސްރާބަކަށް ދަތުރުކުރާ ފަޚުރުވެރި ބާރުހުރި ދައުލަތަކަށް ތުރުކީވިލާތް ހައްދަވައިފައެވެ. ހުޅަނގުން ބޭނުންވީ މިކަން ނިމުމަކަށް ގެނައުމަށެވެ.

މީގެ ވިހި އަހަރު ކުރިން އުރުދުޣާން އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގެންނެވިއިރު ތުރުކީވިލާތުގައި އަމިއްލަ ސިޔާސަތެއް ނެތެވެ. އޮތީ ހުޅަނގުން ބުނީމާ ބުނިހައި ކަމެއް ކުރުމުގެ ސިޔާސަތެވެ. ތުރުކީވިލާތަކީ އިސްލާމީ ގައުމަކަށްވިޔަސް ވެރިކަމުގެ މުޅި ނިޒާމާއި އިޖުތިމާއީ ކަންކަމުގެ އޮނިގަނޑުން އިސްލާމްދީން އޮތީ ނެރެލައިފައެވެ. ސެކިއުލަރ ގައުމެއްކަން ދެއްކުމުގެ ގޮތުންނެވެ. ތުރުކީވިލާތް އިންތިޒާރު ކުރަމުންއައީ ޔޫރަޕުގެ އިއްތިހާދުގައި ބައިވެރިވުމުގެ އުންމީދެވެ. ޔޫރަޕުން އެދޭހާ ކަމެއް ކުރަމުންދިޔައީ މިބޭނުމުގައެވެ. އެކަމަކު އެ އިންތިޒާރު ނިމޭދުވަހެއް ނުގެނެވުނެވެ. ދީން ބަދަލުނުކުރާތީއެވެ. ބޮޑުބައި އޭޝިޔާގައި އޮންނާތީއެވެ. ސަގާފަތާއި އާދަކާދަ ތަފާތުވީމައެވެ. މިހެންގޮސް ކޮންމެވެސް ސަބަބެއް އަބަދުވެސް އޮންނަނީ ހުރަހަކަށް ވެފައެވެ.

އުރުދުޣާން ވަނީ މިކަންކަން މުޅިން ބަދަލު ކުރައްވައިފައެވެ. ޚާއްސަގޮތެއްގައި ފާއިތުވި ދިހަ އަހަރު ތުރުކީވިލާތަށް ނުހަނު ގިނަގުނަ ބަދަލުތައް އޭނާ ގެންނަވައިފިއެވެ. ޔޫރަޕާ ނުލައި ކުރިއަށް ދެވޭނޭކަން ދައްކަވައިފިއެވެ. އަންހެނުންނަަށް ބުރުގާ ހުއްދަކުރައްވައިފިއެވެ. ތުރުކީއަކީ އިސްލާމީ ގައުމެއްކަން ރަމްޒުކޮށްދޭ ސިފަތައް އަލުން ގެންނަވައިފިއެވެ. އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އުފެއްދުންތެރި ގައުމަކަށް ހައްދަވައިފިއެވެ. ޔޫރަޕުން އެންގިއަސް އަދި އެހެން ބަޔަކު އެންގިއަސް ތުރުކީވިލާތުގެ ގައުމީ މަސްލަހަތު ނިޔާނުކުރާ ކަންކަން ކުރެއްވުން މުޅިން ހުއްޓަވައިފިއެވެ. ތުރުކީވިލާތުގެ ހަގީގީ ބާރު ކިތަންމެހައިވެސް ރަނގަޅަށް ދައްކަވައިފިއެވެ. މިހިސާބުން ދެން ޔޫރަޕާއި އެމެރިކާއިން ބެލީ އުރުދުޣާނުގެ ވެރިކަން ނިމުމަކަށް ގެނެވޭތޯއެވެ.

އެންމެ ފުރަތަމަ އުޅުނީ ސިފައިންނަށް ހިތްވަރުދީގެން ބަޣާވާތެއް ގެނެސް ވެރިކަން ބަދަލު ކުރުމަށެވެ. އެކަމެއްވެސް ނުވިއެވެ. އުރުދުޣާން އެންމެފަހުން ސިފައިންގެ ވަރަވެސް ބިންދައިލައްވައިފިއެވެ. ދެންބެލީ އެކިކަހަލަ ޕްރޮޕަގެންޑާތައް ފަތުރައިގެން، ތުރުކީވިލާތުގެ އެތެރެ ހައިޖާނުކޮށްގެން، ރައްޔިތުން ބައިބައިކޮށްގެން އުރުދުޣާނުގެ ދުވަސް ދުއްވައިލުމަށެވެ. މިފަހަރުގެ އިންތިޚާބުގައި އެކަން ކުރެވޭނެކަމުގެ އުންމީދެއް ހިސާބަކަށް ލިބުނެވެ. ދާދިފަހުން ތުރުކީވިލާތަށް އައި ވަރުގަދަ ބިންހެލުމާ ގުޅިގެން ވަރަށް ބޮޑު ސަރަހައްދެއް ވީރާނާވެ ގިނަބައެއްގެ ދިރިއުޅުން އެކޮޅުކޮޅުން ޖެހިފައިވާތީއެވެ. ހަގީގަތުގައި މިފަހަރު އުރުދުޣާނަށް އެންމެ ބޮޑު ތުރާލަކަށްވީވެސް މިކަންތަކެވެ. އެކަމަކު އެންމެފަހު ވަގުތު ރައްޔިތުން އެ ނިންމީ އުރުދުޣާނަށް އައު ދައުރެއް ދިނުމަށެވެ.

ރައްޔިތުންގެ ނިންމުން ވަރަށްވެސް ސާފެވެ. ޝައްކު އުފައްދާކަށް ޖާގައެއް ނެތެވެ. ރައްޔިތުންގެ ނިންމުމަކީ އުރުދުޣާނެވެ. ތުރުކީވިލާތުގެ އަމިއްލަވަންތަކަމެވެ. މި ނިންމުން ބަލައިގަތުން ނޫން ގޮތެއް ހުޅަނގުގެ ގައުމުތަކަށް ނެތެވެ. އުރުދުޣާނަށް ތަހުނިޔާ ނުކިޔައި ފަހަތު ފަޔަށް ބަރުވެފައި އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ތިއްބަސް ޖަރުމަންވިލާތާއި ފަރަންސޭސިވިލާތުން ވަނީ ނަތީޖާ ގަބޫލުކޮށް އުރުދުޣާނަށް މަރުހަބާ ކިޔައިފައެވެ. އެކީގައި މަސައްކަތްކުރަން އެދިގެންތިބި ކަމަށްވެސް ވަނީ ބުނެފައެވެ. އަނެއްކޮޅުން ރޫސީވިލާތުންވެސް ވަނީ އުރުދުޣާނުގެ ކާމިޔާބީ ފާހަގަކޮށް ވަގުތުން ތަހުނިޔާ ކިޔައިފައެވެ. ރޫސީންގެ ނަޒަރުގައި އުރުދުޣާނުގެ ކާމިޔާބީއަކީ ރޫސީންގެވެސް ކާމިޔާބީއެކެވެ. ހުޅަނގުގެ ކޮންމެ ނާކާމިޔާބީއެއް ރޫސީންގެ ކާމިޔާބީއެއްކަމަށް ދެކޭފަދައިންނެވެ.