ށ. މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތް ފަށައިފިއެވެ
އެމްޓީސީސީން މިއަދު ބުނީ މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ މިމަހުގެ 16 ވަނަ ދުވަހު ކަމަށެވެ.
މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 75.42 މިލިއަން ރުފިޔާއަށް 600 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މި މަޝްރޫއުގެ ދަށުން 17,900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 70,400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އާ ހާބަރު ބޭސިން ފުންކުރުމާއި 8,400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 130 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި 20 މީޓަރު ދިގު ތިން މީޓަރު ފުޅާ ބްރިޖެއް ހެދުމާއި 54 މީޓަރު ދިގު ތިން މީޓަރު ފުޅާ ބްރިޖެއް ހެދުން ހިމެނެއެވެ.
އޭގެ އިތުރުން 583 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 93 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 311 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި ރޭމްޕެއް ހެދުމާއި ކޮންކްރީޓް ދެ ބްރިޖް ހެދުމާއި 3,789 އަކަ މީޓަރުގެ ސަރަހައްދެގައި ހާބަރު ޕޭވްމަންޓް ހެދުން އަދި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި މޫރިން ބޮއެ ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.