އިލެކްޝަންސް ކޮމިޝަން (އީސީ) އިން މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލުމަށް ނިންމި ނިންމުމަށް އަމަލުނުކުރުމަށް ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފިއެވެ.
އީސީން ވަނީ މިދިޔަ ބުދަ ދުވަހު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ އަދަދަށް އެމްއާރުއެމްގައި މެމްބަރުން ހަމަނުވާތީ އެ ޕާޓީ އުވާލައިފައެވެ. އީސީން އެ ޕާޓީ އުވާލާފައިވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން މެމްބަރުންގެ އަދަދު ހަމަކުރުމަށް ފުރުސަތު ދިނުމަށްފަހުއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.
އެމްއާރުއެމް އުވާލުމުން އެ ޕާޓީގެ ރައީސް ފާރިސް މައުމޫން، ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ، ޕާޓީ އުވާލި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށާއި އީސީން ޕާޓީ އުވާލަން ނިންމީ ސިޔާސީ ނުފޫޒުގެ ސަބަބުން ކަމަށެވެ.
އެމްއާރުއެމުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، އީސީން އެ ޕާޓީ އުވާލި މައްސަލައިގައި ހުކުމް ކުރެވެންދެން، އީސީގެ ނިންމުން ތަންފީޒުކުރުމަށް ފިޔަވަޅު އެޅުން ހުއްޓުވުމަށް އެދިފައެވެ. އަދި އީސީން އެ ޕާޓީ އުވާލީ ގާނޫނުގައި ބަޔާންކުރާ އަދަދަށް މެމްބަރުން ހަމަކޮށްފައި ވަނިކޮށް ކަމަށްވުމުން، އެ ޕާޓީން އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެދިފައިވެއެވެ.
"ސިވިލް ކޯޓަށް ހުށަހަޅާ މައްސަލައިގެ ގޮތެއް ކަނޑައެޅުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަންގެ މި ނިންމުމާއި އަދި އަންގާފައިވާ އެންގުމަށް އަމަލުކުރުމުގެ ނަތީޖާއަކީ ވަގުތީ އަމުރަށް އެދޭ ފަރާތުން ހުށަހަޅާ މައުލޫއީ މައްސަލައިގެ އެދޭ ފަރުވާ ހާސިލުނުވުން ކަމަށާއި، އަދި އެ ހާލަތުގައި މި މައްސަލައިގައި ހިމެނޭ ޕާޓީ ވުޖޫދުގައި އޮތުމުގެ އިހުތިމާލު ނެތް އިރު، އެއީ ވަގުތީ އަމުރަށް އެދޭ ފަރާތް، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އިއާދަނުކުރެވޭ ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް،" އެމްއާރުއެމުން ބުންޏެވެ.
ސިވިލް ކޯޓުން އެ މައްސަލައިގައި ނެރުނު އަމުރުގައި ބުނީ އެމްއާރުއެމުން އެދުނު ގޮތަށް ވަގުތީ އަމުރު ނެރެދިނުމުގައި ތިން ކަމެއް ފުރިހަމަވާންޖެހޭ ކަމަށާއި، ހުށަހެޅި މައްސަލައަށް ބަލާއިރު އެ ހުރިހާ ކަމެއްވެސް ފުރިހަމަވާ ކަމަށް އަމުރުގައި ބުންޏެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް އެމްއާރުއެމުން މެމްބަރުން ހަމަވެފައިވާ ކަމަށް ބުނެފައިވާ އިރު، އީސީން އެ ޕާޓީ އުވާލަން ނިންމައި އަދި ސިޔާސީ ހަރަކާތްތައް ހިންގުން މަނާކޮށް ޕާޓީ އުވާލީ ގާނޫނާ ހިލާފަށް ކަމަށް ބަލައި، އެ މައްސަލަ 30 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަން ނިންމާފައިވުމުން، އެމްއާރުއެމުން އެދޭގޮތަށް އަމުރު ނެރެނުދީފިނަމަ އިއާދަނުކުރެވޭ ގެއްލުމެއް ލިބިދާނެ ކަމަށް އަމުރުގައި ބުންޏެވެ.
ދެ ފަރާތެއްގެ ދެމެދުގައި އުފެދޭ ދެބަސްވުންތަކަށް ހައްލެއް އެ ދެ ފަރާތަށް ނުލިބިއްޖެ ހާލަތެއްގައި އެ ފަރާތްތަކުން އެ ދެބަސްވުންތަކަށް ހައްލު ހޯދަން ކޯޓަށް ހުށަހެޅިދާނެ ކަމަށާއި ދައުވާއެއް ކޯޓަށް ހުށަހެޅުމުގެ ކުރިން މައްސަލައަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ވަގުތީ އަމުރަކަށް އެދެވިދާނެ ކަމަށް އަމުރުގައި ބުންޏެވެ،
އެހެންވެ ސިވިލް ކޯޓުން ނިންމީ އެމްއާރުއެމުން އެދުނު ގޮތަށް އެ ޕާޓީ އުވާލަން ނިންމި ނިންމުމަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ވަގުތީ އަމުރެއް ނެރެ ދިނުމަށެވެ. އެ މައްސަލަ ބެއްލެވީ ގާޒީ ފަރުހާދު ރަޝީދެވެ.