ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި ވަނިކޮށް ފެނުނު އެރަށު ނައީމާ މޫސާ، 62އ، ގެ މަރުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ދެންމެ ބުނީ ނައީމާ މަރާލި މައްސަލައިގައި މާލެއިން މިރޭ 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ނ. މަނަދޫ، ވިނަރެސް، ހަސަން ފަވާޒެވެ.

ނައީމާގެ މަރުގެ މައްސަލައިގައި މީގެ ކުރިން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެރަށުން ހައްޔަރުކުރީ ދެ ޒުވާނުންނަކީ އަހްޒަމް އަބްދުއްޝަކޫރު ،23، އާއި ރިފާޝް 21، އެވެ. އަދި އެ ދެ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކެއްގެ ރެކޯޑެއް އޮތް ދެ މީހުން ކަން "ވަން" އަށް ވަނީ އެނގިފައެވެ.

އޭގެ އިތުރުން އެ މީހުން އެ ރަށުތެރޭގައި އުޅުނު ޕްރައިވެޓު ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އަދި ނައިމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ހަތިޔާރުވެސް ވަނީ މާމިސްކިތުގެ ވެޔޮ ސަރަހައްދުން ހޯދައިފައެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިދިޔަ ހުކުރު ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނައިމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ދެ ހަތިޔާރު ހޯދިފައިވާ ކަމަށެވެ. އަދި ނައީމާއަށް ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު އަންދާލުމަށްފަހު ވަޅުގަނޑަކަށް ލާފައި ހުއްޓައި ހޯދިފައިވާ ކަމަށްވެސް ހަމީދު ވަނީ ވިދާޅުވެފައެވެ. ކޮމިޝަނަރު ހަމީދު ވިދާޅުވީ އަންނައުނު ހޯދީ ވަޅުގަނޑު ކޮނެގެން ކަމަށެވެ.

ހަމީދު ވިދާޅުވީ ނައިމާގެ މަރުގެ މައްސަލައިގެ ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގެ ހެކި ހުރިކަމަށް ބެލެވޭ ތަނެއް ބަލައި ފާސްކުރަމުންދާ ކަމަށްވެސް ކޮމިޝަނަރު ވަނީ ވިދާޅުވެފައެވެ.

މަނަދޫގައި އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައިމާ މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އެޕްރީލް މަހުގެ ހަތްވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރިތެރޭ ބިންމަތީގައި އޮއްވައެވެ. އޭނާގެ ހަށިގަނޑުން ގިނަ އަދި ފުން ޒަހަމުތަކެއް ހުރިކަން ވަނީ އެނގިފައެވެ.

ނައިމާއަކީ ސިހުރު ހަދާ މީހެއް ކަމަށާއި އޭނާ މަރާލީ ސިހުރުގެ ކަމަކާ ގުޅިގެންކަމަށް އެރަށު ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ. އޭނާގެ މަރުގެ މައްސަލައިގެ ތުހުމަތު، އެރަށު ބައެއް މީހުން ވަނީ އާއިލާ މީހުންނަށް ވެސް ކޮށްފައެވެ. ނަމަވެސް، އޭގެ އެއްވެސްކަމެއް ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނައީމާގެ މަރުގެ މައްސަލައާ ގުޅިގެން އެރަށު ހުރިހާ ރައްޔިތުން ޑީއެންއޭ ސާމްޕަލް ނަގަމުންދާކަން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން މީގެ ކުރިން ނުދެއެވެ.

މަރުގެ މައްސަލައާ ގުޅިގެން އެރަށު މީހުންގެ ޑީއެންއޭ ސާމްޕަލް ފުލުހުން ނެގީ ނައިމާގެ ގޮށްމުށުގެ ތެރޭގައި އިސްތަށިތަކެއް އޮތުމާ ގުޅިގެންނެވެ.