ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ގޭބީސީތަކުން ކުނި އުކާލުމަށް ނަގާ އަގު ކަރަންޓު ބިލުގައި ހިމެނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވެއްޖެއެވެ.
ސިރާޖު މިފަދައިން ވިދާޅުވީ މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި އުކާލުމަށް ވެމްކޯ އިން ނަގާ ފީ، ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމެނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައެވެ. މާލެ ސަރަހައްދުގެ އިތުރުން ވެމްކޯގެ ހިދުމަތް މިވަގުތު ފޯރުކޮށްދެމުންދަނީ އައްޑޫ އަދި ފުވައްމުލަކު ސިޓީގައި އެކަންޏެވެ.
ސިރާޖު ވިދާޅުވީ ފުވައްމުލަކާއި އައްޑޫ ސިޓީގައި ކަރަންޓު ހިދުމަތް ފޯރުކޮށްދެމުން އަންނަ ސަރުކާރުގެ ކުންފުނި، ފެކަނަ ކޯޕަރޭޝަނާ ގުޅިގެން މި ބަދަލު ގެނައުމުގެ މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ ދެ ސިޓީގައިވެސް ގޭބީސީތަކުގެ ޔުޓިލިޓީ ބިލު ޓައިކުރާނީ ސްޓެލްކޯއާ އެކު މާލޭގައި އަމަލުކުރަން ފަށާ އުސޫލުތަކާ އެއްގޮތަށް ކަމަށް ސިރާޖު ވިދާޅުވިއެވެ.
"ވެމްކޯގެ ފަރާތުން މިހާރު އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ކުނި އުކާލުމަށް ނަގާ ފީ، އެ ދެރަށުގައި ކަރަންޓު ހިދުމަތް ދޭ ފެނަކައާ ގުޅިގެން މި މޮޑެލްއަށް ބަދަލުކުރުމަށް އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރެވިގެންދާނެ ވާހަކަ ދައްނަވަން" ސިރާޖު ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވީ މިބަދަލާ އެއްގޮތަށް މާލެ ސަރަހައްދުގެ ގޭބީސީތަކަށް ބިލު ފޮނުވަން ފަށާނީ އަންނަ މަހު ސްޓެލްކޯ އިން ފޮނުވާ ބިލާ އެކުއެވެ. ސްޓެލްކޯގެ ބިލިން ސައިކަލްއާ އެއްގޮތަށް އަންނަ މަހު ފޮނުވާ ބިލަކީ އޭޕްރީލް މަހުގެ ފަހުކޮޅާއި މެއި މަހުގެ ކުރީކޮޅަށް ތައްޔާރުކޮށްފައިވާ ބިލެއް ކަމަށާއި އެ ބިލާއެކު ކުނީގެ ފީވެސް ނަގަމުންދާނީ ބިލުކުރާ މުއްދަތަށް ކަމަށް ސިރާޖު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ވަކިވަކި އިދާރާތަކަށް ބިލުދެއްކުމަށްވުރެ އެއްފަހަރާ ދެ ބިލުވެސް ސްޓެލްކޯއަށް ދެއްކޭ ގޮތް ވުމުން ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި މިގޮތަށް ބިލު ޓައިކޮށްގެން ކުނީގެ ފީ ސްޓެލްކޯ އަށް ނެގުމަށް މިގެންނަ ބަދަލާ އެކު އިދާރީ ހަރަދެއްގެ ގޮތުގައި ކޮންމެ ބިލަކުން 2.50ރ އެކުންފުނިން ނަގަމުންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ސްޓެލްކޯ އަށް އެ އިދާރީ ފީ ދައްކާނީ ވެމްކޯ އިންނެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އެކުންފުނިން ކަރަންޓުގެ ހިދުމަށް ފޯރުކޮށްދެމުން އަންނަ ހުރިހާ ރަށަކަށްވެސް ކުނީގެ ބިލު ކަރަންޓު ބިލާ އެއްކޮށްލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން އއ. ތޮއްޑޫ އިން މިހާރުވެސް އެ ބަދަލު ގެނައުމަށް އެކުންފުނީގައި އެދިފައިވާ ކަމަށާއި ތޮއްޑޫގެ ގޭބީސީތަކުގެ ކަރަންޓު ބިލާއި ކުނި ބިލު އެއްކޮށްލުމުގެ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ތޮއްޑޫ އިން މިހާރު އެބައިން ތޮއްޑޫގެ ކަރަންޓު ބިލުގައި ކުނީގެ ބިލު ޓައިކުރުމަށް ރިކުއެސްޓް ކޮށްފަ. އެހެންވީމަ ހަމަ މި މޮޑެލް އިރާދަކުރެއްވިއްޔާ ތޮއްޑޫގައިވެސް އަދި ރިކުއެސްޓުކުރާ އެހެން ރަށްރަށުގަވެސް އަޅުގަނޑުމެން އެ ފުރުސަތު ތަނަވަސްކޮށްދޭނަން" ޝަރީފް ވިދާޅުވިއެވެ.