މަތީ ސާނަވީ އިމްތިހާނުތަކުގެ މަތީ އަރުތަވެރީންގެ އިނާމު 2021-2022ގެ ޓައިޓަލް ޕާޓްނަރަކަށް ވުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއެކު ދިރާގުން ސޮއިކޮށްފިއެވެ.
މިއީ 2021 އަދި 2022 ވަނަ އަހަރުގެ މަތީ ސާނަވީ ނިންމާ އިމްތިހާނުތައް ހަދާފައިވާ ދަރިވަރުންގެ ތެރެއިން ގައުމީ 10 ދިހައެއް ހާސިލުކޮށްފައިވާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ގައުމީ އިނާމު ދިނުމުގެ ހަފުލާއެވެ.
އެގޮތުން އޭލެވެލް އިމްތިހާނުގައި ގަދަ 10 ރޭންކިން ހާސިލުކުރި ދަރިވަރުންގެ އިތުރުން ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މަތީ ދަރަޖަ ހޯދާފައިވާ ދަރިވަރުންނަށާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އެވޯޑް ލިބޭ ދަރިވަރުންނަށްވެސްވެސް މި ހަފުލާގައި އިނާމު ދޭނެއެވެ.
މި ހަފްލާގެ ޓައިޓަލް ޕާޓްނަރަކަށް ވުމާގުޅޭ ގޮތުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު، އަލީ ރިޔާޒު ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަސާސީ ދާއިރާ ކަމަށެވެ.
އެގޮތުން އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން މަތީ އަރުތަވެރީންގެ އިނާމު 2021-2022ގެ ޕާޓްނަރަކަށްވެ، މިއަދުގެ ޒުވާނުންގެ ކާމިޔާބީތައް ފާހަގަކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަންގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު، ނައުޝާދު އިބްރާހިމް ވަނީ ތައުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި މުޖުތަމައުގައި ޒުވާނުން ކުރިއެރުވުމަށް ދިރާގުން ދޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެކަމަށްޓަކައި އެ ކުންފުންޏަށް ޝުކުރު އަދާކުރައްވައިފައެވެ.
މަތީ އަރުތަވެރީންގެ އިނާމު ދިނުމުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ 31 މެއި 2023 ގައި ދަރުބާރުގޭގައެވެ.