ފ. މަގޫދޫ ފަޅުގައި ރަށެއް ހިއްކައިގެން ރިޒޯޓެއް ހެދުމާ ގުޅޭ ގޮތުން ބަޔަކާ ވާހަކަދެކެވެމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހުކުރުމަށާއި މަގޫދޫގައި އަލަށް އިމާރާތްކުރި ފެނަކަ އޮފީސް ހުޅުވުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަގޫދުގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ އެއާޕޯޓާ އެކީގައި އެ ސަރަހަދަށް ހޮޓާތަކާއި ރިޒޯޓްތައް ފަދަ އިންވެސްޓްމަންޓްތަކެއް އަންނަން ޖެހޭ ކަމަށެވެ. އަދި އެރަށު ރައްޔިތުން އެ މަނިކުފާނަށް ހުށަހެޅުއްވި ކަންތައްތައް ޕްލޭނިން މިނިސްޓްރީއާ އެކީގައި މަޝްވަރާ ކުރައްވާނެ ކަމަށާއި އަމަލީގޮތުން ކުރެވެން އޮތް ގޮތެއް ބައްލަވައި، އެކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިދޭތެރެއިން މި އަތޮޅުގައި އިންވެސްޓް ކުރަން ބަޔަކު އައި. އަޅުގަނޑު ބުނިން، މަގޫދޫ ފަޅު ނަގަންވީ ނޫންތޯއޭ. ބާކީއޮތް ބައި، ނޫނީވިއްޔާ ކައިރީގައި އެ އޮތް ފަޅު. މިތާ ކައިރީގައި އޮންނާނެ ފަޅެއް. ހަމަ ޖެހިގެން. އެ ފަޅުގައި ރިޒޯޓް ހަދަންވީ ނޫންހޭ. އެ ވިސްނުން އެބަ ގެންގުޅޭ އެ މީހުން. އެއީ، އެ މީހުންނަށް ގަބޫލުކުރެވޭ ކަމެއް ކަމަށް ވަންޏާ، އަބްދުﷲ ވަހީދު ތިޔަ ވިދާޅުވި ކަންތައް އެއޮތީ ވަރަށް އަވަހަށް ނިމިފައި. އަޅުގަނޑުމެން އެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން" ރައީސް ވިދާޅުވި އެވެ.
މަގޫދޫގެ އިތުރުން އެ އަތޮޅު ނިލަންދޫ ފަޅު ހިއްކައިގެން ދެ ރިސޯޓު ތަރައްގީ ކުރުމަށް ސަރުކާރުން މިދިޔަ ޖެނުއަރީ މަހު ބިޑަށް ހުޅުވާލި އެވެ. ނަމަވެސް ނިލަންދޫ ކައުންސިލުގެ ރައީސް އަލީ އަހުމަދު ވިދާޅުވި ގޮތުގައި އެ މަޝްރޫއަށް އެއްވެސް ފަރާތަކުން ޝައުގެވެރިކަން ފާޅުކޮށްފައި ނުވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅުގައި ރިސޯޓު ހެދުމުގެ ސިޔާސަތެއް ގެންގުޅޭކަން މީގެ ކުރިން ހާމަކޮށްފައެވެ. އެކަމަށް މިހާތަނަށް އާންމުކޮށްފައިވަނީ ނިލަންދޫ އާއި ކ. ކާށިދޫއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު