ފ. މަގޫދޫ އެއާޕޯޓް ތަރައްގީކުރާނީ ޕްރައިވެޓް ޖެޓް ޖެއްސޭ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހުކުރުމަށާއި މަގޫދޫގައި އަލަށް އިމާރާތްކުރި ފެނަކަ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް މިއަދު ވިދާޅުވީ، މަގޫދޫގައި ތަރައްގީކުރާ އެއާޕޯޓާ ވެގެންދާނީ ސަރަހައްދީ އެއާޕޯޓުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެއާޕޯޓަށް ކަމަށެވެ. އެގޮތުން އެއާޕޯޓުގައި ޓާމިނަލާއެކު ވީއައިޕީ ލައުންޖެއް ހެދިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިއަދު މިވަނީ އެއާޕޯޓް ބޮޑުކޮށް 1،800 މީޓަރުގެ އެއާޕޯޓަކަށް ބަދަލުކުރަން ނިންމާފައި. ބޭނުމަކީ މި ސަރަހައްދުގައި ހުރި ރިސޯޓުތަކަށް ވަރަށް ފެންވަރު މަތީ ރިސޯޓުތަކެއް މި ސަރަހައްދުގައި އެބަހުރި. އެތަނަށް އަންނަ ޓޫރިސްޓުން އަންނަ ޕްރައިވެޓް ޖެޓް ޖެއްސޭ އެއާޕޯޓަކަށް މި އެއާޕޯޓް ބަދަލުކުރުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މަގޫދޫ އެއާޕޯޓަށް ޖައްސާ ފްލައިޓުތަކަށް ހިދުމަތް ދިނުމަށް ފިއުލް ފާމަކާއި އެއާލައިންތަކުގެ ކުރޫއިންނަށް ތިބެވޭނެ ގޮތަށް ހޮޓަލެއް ހަދާނެ ކަމަށެވެ. އަދި ޕްރައިވެޓް ޖެޓުތަކަށް ޖާގަ ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މަގޫދޫ ފަޅުގައި ރަށެއް ހިއްކައިގެން ރިސޯޓު ހެދުމާ ގުޅޭގޮތުން ބަޔަކާ ވާހަކަދެކެވެމުން އަންނަ ކަމަށެވެ.
މަގޫދޫ އެއާޕޯޓުގެ މަސަައްކަތް 231.5 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 19 އޮކްޓޯބަރު 2022 ގައެވެ. އެއާޕޯޓުގެ މަސައްކަތް ނިންމަން ދީފައިވަނީ 550 ދުވަހެވެ. މަގޫދޫގައި އެއާޕޯޓް އަޅަން ހަވާލުކުރިއިރު އޮތީ 1،500 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހެދުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު