ޖަރުމަނު ބުންޑެސްލީގާގެ ފަހު މެޗުތައް މިރޭ ކުޅެފައިވާ އިރު، ފައިދާ ގޯލުގެ ތަފާތުން ބަޔާން މިއުނިކުން އަނެއްކާވެސް ލީގު ޔަގީންކޮށްފިއެވެ.

މިރޭގެ މެޗުތަކަށް ނުކުތް އިރު، ތަށި ހޯދަން ފުރުސަތު ފަހިކޮށް އޮތީ ބްރޫޝިއާ ޑޯޓުމަންޑަށެވެ. ޑޯޓުމަންޑުން މިރޭ މައިންޒާ ދެކޮޅަށް ނުކުތް އިރު، އެޓީމު އޮތީ ތާވަލުގެ އެއްވަނައިގައެވެ. މޮޅަކާއެކު 2012 ވަނަ އަހަރަށްފަހު ފުރަތަމަ ލީގު ތަށި ޔަގީންކުރަން ނުކުތް ޑޯޓުމަންޑުން މިރޭ ކުޅުނު މެޗު 2-2 އިން އެއްވަރުވެގެން ނިންމާލި އިރު، ބަޔާނުން ލީގު ޔަގީންކުރީ 2-1 ގެ ނަތީޖާއަކުން ކޮލިން ބަލިކޮށްފައެވެ.

ލީގު ނިމުނު އިރު، ބަޔާނާއި ޑޯޓުމަންޑަށްވެސް ލީގުގައި ކުޅުނު 34 މެޗުން 71 ޕޮއިންޓް ލިބިފައިވާ އިރު، ބަޔާން އެއްވަނައިގައި އޮތީ ފައިދާ 54 ގޯލާ އެކުގައެވެ. ޑޯޓުމަންޑަށް ލިބިފައިވަނީ ފައިދާ 39 ގޯލެވެ.

މިއީ ބަޔާނުން ޖެހިޖެހިގެން ލީގު ނެގި 11 ވަނަ ފަހަރެވެ. އަދި އެޓީމުން މިހާތަނަށް ޖުމުލަ 33 ފަހަރަށް ޖަރުމަނު ލީގު ނަގާފައިވާ އިރު، މިއީ ފަހަކަށް އައިސް އެންމެ ވާދަވެރިކޮށް ދިޔަ ސީޒަނެވެ.

މިރޭގެ މެޗަށް ނުކުތް އިރުވެސް ބަޔާނަށް އަމިއްލަ ބާރު ނެތް އިރު، އެޓީމުން ވަނީ ކިންގްސްލީ ކޯމަން ޖެހި ގޯލާއެކު މެޗުގެ އަށްވަނަ މިނެޓުގައި ކޮލިން ކައިރިން ލީޑު ނަގައިފައެވެ.

އަނެއްކޮޅުން ޑޯޓުމަންޑް އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ މެޗުގެ 15 ވަނަ މިނެޓުގައި މައިންޒް ވަނީ ޑޯޓުމަންޑް ކޮޅަށް ގޯލު ޖަހައިފައެވެ. އަންދްރޭސް ހަންޗޭ-އޮލްސެން ޖެހި އެ ގޯލާއެކު މައިންޒުން ލީޑު ނެގި އިރު، އޭގެ ތިން މިނެޓް ފަހުން ޑޯޓުމަންޑަށް ލިބުނު ޕެނަލްޓީ ސެބެސްޓިއަން ހެލާ ނާކާމިޔާބު ކޮށްލިއެވެ.

މާޔޫސްކަމުގައި އޮތް ޑޯޓުމަންޑަށް އިތުރު އުނދަގޫތަކަކާ ދިމާވީ ކަރިމް އޮނިސީވޯ، 24 ވަނަ މިނެޓުގައި މައިންޒަށް ދެވަނަ ގޯލު ޖެހުމުންނެވެ. އެ ނަތީޖާއާއެކު ޑޯޓުމަންޑް މެޗުގެ ހާފު ނިމުނު އިރު، ބަޔާނުން ރަށުން ބޭރުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެގެންނެވެ.

ޑޯޓުމަންޑް މެޗުގެ ދެވަނަ ހާފު ފެށިގެން އެޓީމުން ހިތްވަރުކޮށް، 69 ވަނަ މިނެޓުގައި ރަފޭލް ގޮރޭރޯ ޖެހި ގޯލުން ނަތީޖާގެ ފަރަގު ކުޑަކުރި އިރު، ބަޔާން މެޗުގެ 81 ވަނަ މިނެޓުގައި ޑެޖާން ޖުބިސިޗް ޖެހި ގޯލުން ކޮލިން، ބަޔާނާ އެއްވަރުކުރިއެވެ.

އެ ހިސާބުންވެސް ޑޯޓުމަންޑަށް އުންމީދެއް ލިބުނު އިރު، 89 ވަނަ މިނެޓުގައި ބަޔާނަށް ލީގު ޔަގީންކޮށްދިން ގޯލު ޖެހީ ޖަމާލް މުސިއަލާއެވެ. އެ ގޯލާއެކު ބަޔާނުން ލީގުގެ ފުރުސަތު ބޮޑުކުރި އިރު، ހިތްވަރުކުރި ޑޯޓުމަންޑްވެސް މެޗު ނިންމާލީ ނަތީޖާ ހަމަހަމަ ކޮށްގެންނެވެ. މެއިންޒް ކޮޅަށް ޑޯޓުމަންޑްގެ ދެވަނަ ގޯލު ޖެހީ ނިކޮލަސް ސޫލޭއެވެ.