ކާވާ އަންހެން ޗެލެންޖު ކަޕްގައި މިއަދު ކުޅުނު ރޭންކިން މެޗުގައި ރާއްޖެއިން ބަންގުލަދޭޝް ބަލިކޮށްފިއެވެ.
ނޭޕާލްގައި ކުރިއަށްދާ ކާވާ ޗެލެންޖް ކަޕްގައި ރާއްޖެއިން ކުޅުނު ގްރޫޕް ސްޓޭޖު ތިން މެޗުންވެސް އޮތީ ބަލިވެފައެވެ. އެއީ އުޒްބެކިސްތާނާއި ކަޒަކިސްތާނުގެ އިތުރުން ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުތަކުންނެވެ. އެ މެޗުތަކުން ބަލިވެ ރާއްޖެއަށް ރޭންކިން މެޗުތަކަށް ނުކުންނަން ޖެހުނު އިރު، ރޭންކިންގެ ފުރަތަމަ މެޗުގައި އިއްޔެ ކިރިގިސްތާނު ކައިރިންވެސްވީ ބައްޔެވެ.
މިއަދު ބަންގުލަދޭޝްއާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗަކީ މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ކުޅުނު ފަހު މެޗެވެ. އެ މެޗުގައި މިއަދު ރާއްޖެއިން ބަންގުލަދޭޝް ބަލިކުރީ ފަހަތުން އަރައި 3-1 ސެޓުންނެވެ. މިއަދުގެ މެޗުގައި ރާއްޖެ އަތުން ފުރަތަމަ ސެޓު 21-25 އިން ގެއްލުނު ނަމަވެސް، އަނެއް ތިން ސެޓު، ރާއްޖެއިން ވަނީ 25-14، 25-23 އަދި 25-15 އިން ގެންގޮސްފައެވެ.
މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ބަންގުލަދޭޝްއިން ރަނގަޅަށް ލީޑުކޮށް ކުޅެމުން ގޮސްފައިވާ އިރު، ޓައިމް އައުޓަކަށްފަހު ރާއްޖެއިން ކުޅުން ރަނގަޅުކޮށް، 8-7 އަށް ފަރަގުވެސް ކުޑަކުރިއެވެ. އެހެން ނަމަވެސް، އޭގެ ފަހުންވެސް ރަނގަޅު އެޓޭކުތަކެއް ނުކުރެވި، ރާއްޖެއަށް ސެޓު ގެއްލިގެން ދިޔައެވެ. ސެޓުގެ ފަހުކޮޅާ ހަމައަށް ރާއްޖެއިން ހިތްވަރުކުރި ނަމަވެސް، ސެޓު ދިޔައީ 21-25 އިންނެވެ.
ދެވަނަ ސެޓުގެ ކުރީކޮޅުގައި ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ދިހަ ވަރަކަށް ޕޮއިންޓުގައި ދެ ޓީމުންވެސް ފެނުނީ ހަމަހަމަ ކޮށެވެ. އެހެން ނަމަވެސް ސެޓުގެ މެދެއްހާ ހިސާބުން ރާއްޖޭގެ ރަނގަޅު ހަމަލާތަކެއް ފެނިގެން ގޮސްފައިވާ އިރު، ޝަހާ ޝާމިންގެ އެޓޭކުތައް ސެޓުގައި ފާހަގަކޮށްލެވުނެވެ. ފަހު ޕޮއިންޓުތައް ރާއްޖެއަށް ހޯދައިދިނުމުގައި ފާތިމަތު ޝަމްހާގެ ރަނގަޅު ސާވިސްތަކެއް ފެނިގެން ގޮސްފައިވާ އިރު، ސެޓު ރާއްޖެއިން ގެންދިޔައީ 25-14 އިންނެވެ.
ތިންވަނަ ސެޓުގައި ރާއްޖެއިން މޮޅަށް ކުޅުނު އިރު، ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ)ގެ ތަފާތު ފާހަގަވިއެވެ. އޭނާގެ ރަނގަޅު އެޓޭކުތަކެއް ތިންވަނަ ސެޓުގައި ފެނިފައިވާ އިރު، ރާއްޖެއިން ސެޓު ގެންދިޔައީ 25-23 އިންނެވެ. ރާއްޖެއަށް ސެޓު ހޯދައިދިނުމުގައި ޑިފެންސިވްކޮށް ކުޅުންތެރިން ކުރި މަސައްކަތްވެސް ވަނީ ފާހަގަވެގެން ގޮސްފައެވެ.
މިއަދުގެ މެޗުގެ ހަތަރުވަނަ ސެޓުގައި ބަންގުލަދޭޝް މާ ބޮޑަށްވެސް ދަށްކޮށް ފެނިގެން ގޮސްފައިވާ އިރު، ރާއްޖެއިން ވަނީ ފުރަތަމަ ކޮޅުގައިވެސް ބޮޑު ލީޑެއް ނަގައިފައެވެ. އެ ލީޑު ނަގައި ރާއްޖެއިން މެޗުގެ ފަހުކޮޅަށް ދިޔައިރުވެސް ދިޔައީ ބޮޑުކޮށް ލީޑުކުރަމުންނެވެ. އެގޮތުން 18-5 ގައިވެސް ލީޑުކޮށް، ސެޓު ގެންދިޔައީ 25-15 އިންނެވެ.