ފ. ނިލަންދޫގައި އަމިއްލަ ފަރާތަކުން ހިންގާ، "ތަދްރީސުލް ގުރުއާނުލްކަރީމް" ގުރުއާން ކުލާސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ.

ރައީސް މި ގުރުއާން ކުލާސް ހުޅުއްވައިދެއްވީ، ފ. އަތޮޅުގެ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ނިލަންދުއަށް ވަޑައިގެންނެވެ. ގުރުއާން ކުލާސް ހުޅުއްވައިދެއްވުމަށް ފަހުގައި، ރައީސްގެ ދެކަނބަލުން އެ ގުރުއާން ކުލާސް ބައްލަވައިލެއްވިއެވެ.

މި ގުރުއާން ކުލާހަކީ ހެނދުނު ކުލާހުގެ ނަމުގައި، 1969 ވަނަ އަހަރު ފެށި ގުރުއާން ކުލާހެކެވެ. މިއަދު ރަސްމީކޮށް ހުޅުވި މި ގުރުއާން ކުލާހުގެ އާ އިމާރާތުގައި ދެ ކުލާސްރޫމް ހިމެނޭ އިރު، މިހާރު މި ގުރުއާން ކުލާހުގައި 100 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދެއެވެ.

ރައީސްގެ ދެކަނބަލުން ފ. އަތޮޅަށް މި ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.