ފ. ނިލަންދޫ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ނިލަންދޫ ފަޅުތެރެއިން އިތުރު ދެ ރަށެއް ހިއްކައި ރިސޯޓު ތަރައްގީކުރުމަށް ރޭވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ފ. އަތޮޅަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، ނިލަންދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ރަށުގެ ރައްޔިތުން ބޭނުންވެފައިވާ ކަންތައްތަކަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، ނިލަންދޫ ރައްޔިތުން އެންމެ ބޭނުންވެފައިވާ ބަނދަރުގެ މަސައްކަތާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ލަހެއް ނުވެ ފެށިގެންދާނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި ގާއިމުކުރާ ފުލުހުންގެ މަރުކަޒު ނިލަންދޫގައި ގާއިމުކުރުމަށް ރޭވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ނިލަންދޫ ރައްޔިތުން ވަނީ، މި ވަގުތަށް ރައްޔިތުންނަށް ބޭނުންވެފައިވާ މުހިއްމު ކަންކަމާއި، އަދި ދަތިވެފައިވާ ކަންކަމުގެ މައުލޫމާތު ރައީސަށް ހިއްސާ ކުރައްވައިފައެވެ. މިގޮތުން ރަށުގެ މަގު ހެދުމާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ހޮސްޕިޓަލުގެ ތަރައްގީއަށާއި، ސްކޫލުގެ ތަރައްގީއަށް އަދި ކުޅިވަރުގެ ދާއިރާއިން ރައްޔިތުން ބޭނުންވެފައިވާ ކަންކަން ރައީސްއާ ހިއްސާކުރެއްވިއެވެ.
ނިލަންދޫގެ ރައްޔިތުންނާއެކު ރައީސް ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައްޔިތުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ އެކުގައި މަސައްކަތްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި މި ރަސްމީ ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު