ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ނިލަންދޫ ކައުންސިލް އިދާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ރަށު ކައުންސިލުން ވަނީ، ރައްޔިތުންނަށް ބޭނުންވެފައިވާ ތަފާތު ހަތް ކަމެއް ރައީސްއާ ހިއްސާކުރައްވައިފައެވެ.

މި ކަންތައްތަކުގެ ތެރޭގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ހުރި ދަތިތައް ނައްތާލުމާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި، ކައުންސިލް އިދާރާގެ އާ އިމާރާތެއް އެޅުމާއި، ފުލުހުންގެ މަރުކަޒެއް ބިނާކުރުމާއި، އަދި ސިއްހީ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ޑަޔަލަސިސް ހެދޭނެ ގޮތާއި ހޮސްޕިޓަލުގައި އައިސީޔޫއެއް ގާއިމުކުރުން ހިމެނެއެވެ.

މީގެ އިތުރުން އިންޖީނުގެ ރީލޮކޭޓްކުރުމާއި، ފެރީގެ ނިޒާމުގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމާއި، ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފި ހިންގުމުގައި ދިމާވެފައިވާ އިމާރާތުގެ ދަތިކަން ހިމެނެއެވެ.

މި ބައްދަލުވުމުގައި ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ، ކޮމިޓީ އެކުލެވިފައި އޮންނަ ގޮތުން، ކޮމިޓީ ހިންގުމުގައި ހުރި ދަތިތައް ފާހަގަކުރައްވައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާކަން ފާހަގަކުރައްވައިފައެވެ.

ކައުންސިލުން ފާހަގަކުރި ކަންކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާ ގުޅުންހުރި މުއްސަސާތަކާ ގުޅިގެން އަވަސްކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. މިގޮތުން ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމުގެ މަސައްކަތުގައި އިސްކަންދެއްވައި، ބަނދަރާއި އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މި ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައީސްގެ ދެކަނބަލުންނަށާއި އެމަނިކުފާނުގެ އަރިހުގައި އެ ރަށަށް ދަތުރުކުރެއްވި ވަފުދަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސައިދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ކައުންސިލާ ބައްދަލުކުރެއްވުމުގެ ކުރިން ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރަށުގެ ރައްޔިތުން ބޭނުންވެފައިވާ މުހިންމު ގިނަ ކަންތައްތަކެއް ހުށައަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ.