ރާއްޖެ ތަރައްގީ ކުރެވޭނީ އަތޮޅުތަކުގެ ރަށްތައް ތަރައްގީކުރެވި، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އުންމީދެއް ހޯދައިދެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ފ. އަތޮޅަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި އެ އަތޮޅު ނިލަންދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުން އޮތީ، ނިލަންދޫގައި ހުންނަ ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ.

ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ނިލަންދުއަށް ވަޑައިގެންނެވި އިރު، ނިލަންދޫ ރައްޔިތުން އެމަނިކުފާނަށް ދަންނަވާފައިވާ ކަންކަމުގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ނިމި އަދި ބައެއް މަޝްރޫއުތައް މިހާރު ހިނގަމުންދާ ކަމަށެވެ. މިގޮތުން ހިންގާފައިވާ ބައެއް މަޝްރޫއުތުތަކާއި ކުރިއަށް ރޭވިފައި ހުރި ބައެއް މަޝްރޫއުތަކުގެ މައުލޫމާތު އެމަނިކުފާނު ރައްޔިތުންނާ ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ނިލަންދޫ ރައްޔިތުން އެންމެ ބޭނުންވެފައިވާ ބަނދަރުގެ މަސައްކަތާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ލަހެއް ނުވެ ފެށިގެންދާނެ ކަމަށެވެ. އަދި ނިލަންދޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ނިލަންދޫ ފަޅުތެރެއިން އިތުރު ދެ ރަށެއް ހިއްކައި ރިސޯޓު ތަރައްގީކުރުމަށް ރޭވިފައިވާކަން ހާމަކުރެއްވިއެވެ. އަދި މި ސަރަހައްދުގައި ގާއިމުކުރާ ފުލުހުންގެ މަރުކަޒު ނިލަންދޫގައި ގާއިމުކުރުމަށް ރޭވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނިލަންދޫ ރައްޔިތުން ވަނީ، މިވަގުތަށް ރައްޔިތުންނަށް ބޭނުންވެފައިވާ މުހިއްމު ކަންކަމާއި، އަދި ދަތިވެފައިވާ ކަންކަމުގެ މައުލޫމާތު ރައީސްއާ ހިއްސާ ކުރައްވައިފައެވެ. މިގޮތުން، ރަށުގެ މަގު ހެދުމާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ހޮސްޕިޓަލްގެ ތަރައްގީއަށާއި، ސްކޫލުގެ ތަރައްގީއަށް އަދި ކުޅިވަރުގެ ދާއިރާއިން ރައްޔިތުން ބޭނުންވެފައިވާ ކަންކަން ހިއްސާކުރެއްވިއެވެ.

ނިލަންދޫގެ ރައްޔިތުންނާއެކު ރައީސް ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައްޔިތުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ އެކުގައި މަސައްކަތްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި މި ރަސްމީ ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.