ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި ވަނިކޮށް ފެނުނު އެރަށު ނައީމާ މޫސާ، 62އ، ގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރީ ދެ ދިވެހީން ކަމަށާއި ހެކި ހޯދުމަށް ފުލުހުން ބަލައި ފާސް ކުރަމުންދަނީ އެރަށު ވެޔޮ ސަރަހައްދަކުން "ވަން" އަށް ކަށަވަރުވެއްޖެއެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނައިމާގެ މަރުގެ މައްސަލައިގެ ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގެ ހެކިހުރިކަމަށް ބެލެވޭ ތަނެއް ބަލައިފާސްކުރަމުންދާ ކަމަށްވެސް ކޮމިޝަނަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދު ހައްޔަރު ކުރި ދެމީހުންގެ ވަނަވަރާއި، އެ މީހުން ހައްޔަރުކުރި ވަކި ދުވަހެއް ކޮމިޝަނަރު ހާމަކޮށްފައެއް ނުވެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ނައީމާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރީ 20 އަހަރާއި 25 އަހަރުގެ ދެ ދިވެހިންނެވެ. އަދި އެ ދެމީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކެއްގެ ރެކޯޑެއް އޮތް ދެމީހުން ކަންވެސް "ވަން"އަށް ވަނީ އިތުބާރު ހުރި ގޮތަކަށް އެނގިފައެވެ. އެ ދެމީހުން ހައްޔަރުކޮށް، އެ ރަށުން މިހާރު ފުލުހުން ބަލާ ފާސްކުރަމުންދަނީ މާމިސްކިތުގެ ވެޔޮ ސަރަހައްދު ކަމަށްވެސް "ވަން"އަށް ވަނީ ޔަގީންވެފައެވެ.
މަނަދޫގައި އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައިމާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރިތެރޭ ބިންމަތީގައި އޮއްވައެވެ. އޭނާގެ ހަށިގަނޑުން ގިނަ އަދި ފުން ޒަހަމްތަކެއް ހުރިކަން ވަނީ އެނގިފައެވެ.
ނައިމާއަކީ ސިހުރު ހަދާ މީހެއްކަމަށާއި އޭނާ މަރާލީ ސިހުރުގެ ކަމަކާ ގުޅިގެންކަމަށް އެރަށު ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ. އޭނާގެ މަރުގެ މައްސަލައިގެ ތުހުމަތު، އެރަށު ބައެއް މީހުން ވަނީ އާއިލާ މީހުންނަށް ވެސް ކޮށްފައެވެ. ނަމަވެސް، އޭގެ އެއްވެސްކަމެއް ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނައީމާގެ މަރުގެ މައްސަލައާ ގުޅިގެން އެރަށު ހުރިހާ ރައްޔިތުން ޑީއެންއޭ ސާމްޕަލް ނަގަމުންދާކަން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން މީގެ ކުރިން ނުދެއެވެ.
މަރުގެ މައްސަލައާ ގުޅިގެން އެރަށު މީހުންގެ ޑީއެންއޭ ސާމްޕަލް ފުލުހުން ނެގީ ނައިމާގެ ގޮށްމުށުގެ ތެރޭގައި އިސްތަށިތަކެއް އޮތުމާ ގުޅިގެންނެވެ.