Close
އދ. މަހިބަދޫ

ގައުމީ ޓީމުގެ ހާއްސަ މެޗަކާއެކު މަހިބަދޫ ސްޓޭޑިއަމަށް ޕެލޭގެ ނަން ދެނީ

ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، ބްރެޒިލްގެ ޕެލޭގެ ނަމުން އދ. މަހިބަދޫ ސްޓޭޑިއަމަށް ނަން ދީ، ރަސްމީކޮށް ސްޓޭޑިއަމް ހުޅުވުން މާދަމާއަށް ތާވަލުކޮށްފިއެވެ.

މަހިބަދޫގެ ސްޓޭޑިއަމަށް ޕެލޭ ސްޓޭޑިއަމްގެ ނަމުން ނަން ދިނުމުގެ ޝަރަފުގައި މާދަމާ ހާއްސަ މެޗެއް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. އެ މެޗުގައި ވާދަކުރާނީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާއި މަހިބަދޫގެ ޓީމެކެވެ. މެޗުގެ ރަސްމިއްޔާތު މާދަމާ ހަވީރު 3:15 ގައި ފެށޭނެ ކަމަށް މަހިބަދޫ ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

އުމުރުން 82 އަހަރުގައި ޕެލޭ މަރުވީ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި އޮންނަތާ ދުވަސްތަކެއް ވުމަށްފަހު މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައެވެ. ޕެލޭ ފަރުވާ ހޯދަމުން ދިޔައީ ކެންސަރު ބައްޔަށެވެ. ޕެލޭއަށް ކެންސަރު ޖެހިފައިވާކަން އާއިލާއިން އިއުލާންކުރީ 2021 ވަނަ އަހަރުގެ ތެރޭގައެވެ.

ޕެލޭގެ ޖަނާޒާގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބައިވެރިވެވަޑައިގެން ވިދާޅުވެފައިވަނީ ޕެލޭގެ ނަމުން ކޮންމެ ގައުމެއްގައިވެސް ސްޓޭޑިއަމަކަށް ނަން ދޭން ފީފާގެ ފަރާތުން އެދޭނެ ކަމަށެވެ. އިންފަންޓީނޯ އެ ފަހަރު ވިދާޅުވީ ޕެލޭގެ ޝަރަފަށްޓަކައި ފީފާއިން އަބަދުވެސް ހަނދާންތައް އާކުރަމުން ގެންދާނެ ކަމަށެވެ.

މަހިބަދޫ ސްޓޭޑިއަމަށް ޕެލޭގެ ނަން ދިނުމާ ގުޅޭގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ޕެލޭގެ ނަމުން މަހިބަދޫ ސްޓޭޑިއަމަށް ނަން ދިނުމަކީ ވަރަށް އެކަށޭނެ ކަމެއް ކަމަށާއި، މަހިބަދޫއަކީ "ލޯކަލް ލެޖެންޑުން" ތަކެއް ފުޓުބޯޅައަށް ނެރެދީފައިވާ ރަށެއް ކަމަށެވެ.

މަހިބަދޫއަކީ ދިވެހި ފުޓުބޯޅައިގައި ތާރީހެއް އޮތް ރަށެކެވެ. އެ ރަށުން ގައުމީ ޓީމަށް މުހިއްމު ކުޅުންތެރިންތަކެއް ނެރެދީފައިވާ އިރު، 17 އަހަރު ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި، ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) އާއި ވަރުގަދަ ގޯލު ޖެހުންތެރިޔާ އަހުމަދު ތޯރިގު (ޓޮމް) ފަދަ ކުޅުންތެރިންނަކީ އެރަށަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އޭގެ އިތުރުން މާޒިޔާގެ ލެޖެންޑް އަސަދުﷲ އަބްދުﷲ (އަސައްކޮ) އާއި މިހާރު ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އަކީވެސް މަހިބަދޫގެ ކުޅުންތެރިންނެވެ.