ސާފް 2023

ސާފް ޗެމްޕިއަންޝިޕް: ގްރޫޕް ފިޔަވަހީގައި ރާއްޖެއަށް އެންމެބޮޑު ހުރަހަކަށްވާނީ ލުބުނާން!

އިމާދު ލަތީފު

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިފަހަރު ވާދަކުރާނީ ޖުމްލަ 8 ޓީމެވެ. އެއީ ސާފް ފުޓްބޯލް ފެޑެރޭޝަނުގައި ހިމެނޭ ހަތް ގައުމުގެ ތެރެއިން ހަ ގައުމާއި ސަރަހައްދުން ބޭރުގެ ދެގައުމެވެ. މިދެންނެވި 8 ގައުމު ބަހާލާފައި އޮތީ ދެ ގްރޫޕަކަށެވެ. ގްރޫޕް އޭ އާއި ގްރޫޕް ބީއެވެ. ދެ ގްރޫޕަކަށް ބަހައިލީ ފީފާ ރޭންކިންއަށް ބަލައިގެން ހަތަރު ގިންތިއަކަށް ޓީމުތައް ލައިގެން ގުރުއަތުންނެވެ. ފުރަތަމަ ގިންތީގައި ލުބުނާނާއި އިންޑިޔާއެވެ. ދެވަނަ ގިންތީގައި ކުވޭތާއި ދިވެހިރާއްޖެއެވެ. ތިންވަނަ ގިންތީގައި ނޭޕާލާއި ބޫޓާނެވެ. ހަތަރުވަނަ އަދި ފަހު ގިންތީގައި ބަންގްލަދޭޝް އާއި ޕާކިސްތާނެވެ. މިގޮތަށް ބަހައިލީމާ ރޭންކިންގެ އެންމެ މަތީގައިވާ ލުބުނާނާއި ރޭންކިންގެ ހަތަރުވަނާގައިވާ ދިވެހިރާއްޖެއާއި ރޭންކިންގެ ހަވަނާގައިވާ ބޫޓާނާއި ހަތްވަނާގައިވާ ބަންގްލަދޭޝް ލައްވައިލީ ގްރޫޕް ބީގައެވެ.

ސާފް ޗެމްޕިއަންޝިޕްގައި މިފަހަރު ވާދަކުރާ 8 ގައުމުގެ ތެރެއިން އެއްވަނައަށް ރޭންކު ކުރެވެނީ ލުބުނާން ކަމަށްވިޔަސް ދުނިޔޭގެ ރޭންކިންގައި ލުބުނާނުގެ މަގާމު އެހާ މައްޗެއް ނޫނެވެ. އޮތީ 99 ވަނައިގައެވެ. ކުވޭތަކީ މި 8 ގައުމުގެ ތެރެއިން އެންމެ ވަރުގަދަ ކަމަށް ބެލެވޭ ގައުމެވެ. އެކަމަކު ފީފާ ރޭންކިންގައި ކުވޭތުގެ ވަނައަކީ މިވަގުތު 143 ވަނައެވެ. އެހެންވީމާ ސާފް ޗެމްޕިއަންޝިޕްގެ ގުރުނެގިއިރު ދެވަނަ ޕޮޓުގައި ހިމެނުނީއެވެ. ދުނިޔޭގެ ރޭންކިންގައި ކުވޭތު އޮތީ އިންޑިޔާއަށްވުރެވެސް ފަހަތުގައެވެ. އިންޑިޔާއޮތީ 101 ވަނައިގައެވެ. އެގޮތުން ލުބުނާނުގެ ފަހަތުން އިންޑިޔާ އެއްވަނަ ޕޮޓްގައި ހިމެނުނީއެވެ. މިހެންވީމާ ގްރޫޕް އޭގައި އިންޑިޔާއާއެކު ހިމެނުނީ ކުވޭތާއި ނޭޕާލާއި ޕާކިސްތާނެވެ. މިއީ އިންޑިޔާއަށް ފަސޭހަވާނެ ގްރޫޕެއް ނޫނެވެ.

ދުނިޔޭގެ ރޭންކިންގައި ދިވެހިރާއްޖޭގެ ވަނައަކީ 154 ވަނައެވެ. ދިވެހިރާއްޖެއަށް ގްރޫޕް ބީގައި އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ އެއްވެސް އޮޅުމެއްނެތި ލުބުނާނެވެ. ހުޅަނގު އޭޝިއާއަށް ނިސްބަތްވާ ލުބުނާނު އެއޮތީ ފީފާ ރޭންކިންގައި ދިވެހިރާއްޖެއަށްވުރެ 53 ދަރަޖަ މަތީގައެވެ. ލުބުނާނުގެ ފުޓްބޯޅައިގެ ފެންވަރު ދިވެހިންވަނީ މީގެކުރިންވެސް ތަޖުރިބާކޮށްފައެވެ. މިހާތަނަށް ޖުމްލަ ހަތަރު ފަހަރަކު ދިވެހިރާއްޖެއާއި ލުބުނާނު ވަނީ ބައްދަލުކޮށްފައެވެ. އެހުރިހާ ފަހަރެއްގައިވެސް ލުބުނާނު ވަނީ މޮޅުވެފައެވެ. އެންމެ ފުރަތަމަ ވޯލްޑްކަޕް ކޮލިފައިން އޭޝިއާ ގްރޫޕް ހަތެއްގައި 9 ޖޫން 2004 ގައި ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ކުޅުނު މެޗެވެ. އެ މެޗު ތިނެއް ސުމަކުން ކާމިޔާބުކުރީ ލުބުނާނެވެ.

ދެވަނައަށް ލުބުނާނާއި ދިވެހިރާއްޖެ ބައްދަލުކުރީ ހަމަ އެ ގްރޫޕުގައި ދިވެހިރާއްޖޭގެ ހޯމް ލެގުގައި 8 ސެޕްޓެމްބަރު 2004 ގައެވެ. ގަލޮޅު ދަނޑުގައި ބާރަހާސް ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު ފަހެއް ދޭކުން ކާމިޔާބުކުރީ ލުބުނާނެވެ. ރާއްޖޭގެ އިބްރާހިމް ފަޒީލް، އޮއްޕޮއާއި އަލީ އުމަރު ދެވަނަ ހާފުގައި ލަނޑުތަކެއް ޖެހިއިރުވެސް ލުބުނާން އޮތީ މާކުރިން ފަސްގޯލްޖަހައި ޔަގީންކަން ބޮޑުކޮށްފައެވެ. އޭގެ ހަތަރު އަހަރު ފަހުން 2008 ވަނަ އަހަރުގެ އެޕްރީލް 9 ގައި ދެ ގައުމު ބައްދަލުކޮށް ހަތަރެއް ސުމަކުން މޮޅުވީ ލުބުނާނެވެ. އޭގެ ދެ ހަފުތާފަހުން ރިވާރސް މެޗުގައި ދެބައިމީހުން ބައްދަލުކޮށް ދޭއް އެކަކުން މޮޅުވީ ލުބުނާނެވެ. ޝަމްވީލް ގާސިމް، ބޮންޑާ ޖަހައިދިން ލަނޑުން އުންމީދު އައުވިޔަސް އަނެއްކާވެސް ބަލިވީއެވެ.

ލުބުނާނަކީ މިހާރު އަރަބި ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއްބާރުކަމަށް ނުވިޔަސް އެއްޒަމާނެއްގައި އެއީ ވަރުގަދަ ބާރެކެވެ. ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ލުބުނާނު އެންމެ ތަފާތު ބޮޑުކޮށް އަރަބި ގައުމެއްގެ އަތުން މޮޅުވެފައިވަނީ 1961 ވަނަ އަހަރު ސައޫދީ އަރަބިޔާއާ ވާދަކޮށް ހަތެއް އެކަކުންނެވެ. އޭގެ ދެއަހަރު ފަހުން 1963 ގައި ލުބުނާނު ވަނީ ހަޔެއް ސުމަކުން ކުވޭތު އަތުންވެސް މޮޅުވެފައެވެ. މިދެންނެވި ކުވޭތާއި ސައޫދީ އަރަބިޔާއަކީ އޭގެފަހުން ވޯލްޑްކަޕުގައިވެސް ކުޅުނު ގައުމުތަކެވެ. އެކަމަކު ލުބުނާނަށް އަދި އެހިސާބަށް ވާސިލެއް ނުވެވެއެވެ. ފުޓްބޯޅައަކީ ލުބުނާނުގައި އެންމެ މަގުބޫލު ކުޅިވަރު ކަމަށްވިޔަސް ގަލްފުގެ އަރަބީންނާ އެއްހަމައެއްގައި ހިފަހައްޓައިނުލެވުމުގެ ސިއްރަކީ ލުބުނާނުގެ ދާޚިލީ ހަމަނުޖެހުންތަކެވެ. އެކަމާގުޅިގެން ފުޓްބޯޅައިގެ އޮނިގަނޑު ނިކަމެތިވުމެވެ.

ވޯލްޑްކަޕަށް އަދި ދުވަހަކު ކޮލިފައިވެފައި ނުވިޔަސް އޭޝިއާގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް ނުވަތަ އޭޝިއަން ކަޕުގައި މިހާތަނަށް ތިން ފަހަރަކު ވާދަކޮށްފައިވެއެވެ. ކޮންމެ ފަހަރަކުވެސް ގްރޫޕް ފިޔަވަހީގައި ފޭލްވީއެވެ. ދެން ލުބުނާން އާއްމުގޮތެއްގައި ވާދަކުރާ ފުޓްބޯޅަ މުބާރާތްތަކަކީ އަރަބި ގައުމުތަކުގެ ފުޓްބޯޅަ މުބާރާތާއި މެޑިޓެރޭނިއަން ގޭމްސްއެވެ. މި މުބާރާތްތަކުގައި އެންމެ މަތީ ފަންތީގެ ޓީމުތަކާ ވާދަކުރުމުގެ ފުރުސަތު ލުބުނާނަށް ލިބެއެވެ. ލުބުނާނަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ނެރެވިފައިވާ އެންމެ ތަފާތު ބޮޑު ނަތީޖާއަކީ 1967 ގައި އެގާރަ އެކަކުން ފިލިޕީންސް ބަލިކުރުމެވެ. ލުބުނާނުގެ އެންމެ ބޮޑު ބައްޔަކީ 1985 ވަނަ އަހަރު ގަތަރު އަތުން އަދި 1959 ވަނަ އަހަރު އިރާގު އަތުން ބަލިވި ބަލިވުމެވެ. އެދެފަހަރުވެސް ބަލިވީ އަށެއް ސުމަކުންނެވެ.