Close
ޚަބަރު

އެމްއޭސީއެލްގެ ހައްޖު ސްޕޮންސާޝިޕް ލިބުނު މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފި

މުހައްމަދު އިޝާން

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ހައްޖު ސްޕޮންސާޝިޕް ލިބުނު މުވައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

އެމްއޭސީއެލުން އެ މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ހައްޖު ދަތުރު ލިބުނު މުވައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއުއެވެ.

މީގެ ކުރިން ވެސް އެމްއޭސީއެލްގެ ހަރަދުގައި އެ ކުންފުނީގެ މުވައްޒަފުން ހައްޖަށް ފޮނުވަމުންދިޔަ ނަމަވެސް، 2019 ވަނަ އަހަރުގެ ކޮވިޑާ ގުޅިގެން އެކަން އޮތީ މެދުކެނޑުމަކަށް އައިސްފައެވެ.

އެމްއޭސީއެލުން މިއަދު ބުނީ މިއަހަރު ހައްޖު ދަތުރަށް ޖާގައިގެ ފުރުސަތު ދިނުމުގައި ބަލާފައިވަނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، ކުންފުނީގެ އުސޫލާ އެއްގޮތަށް ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށް ކަމަށެވެ.

އެމްއޭސީއެލްގެ ފަރާތުން މުވައްޒަފުންނަށް ދޭ ހައްޖު ދަތުރަކީ، އެ ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ ދަތުރެކެވެ. ކޮވިޑުގެ ސަބަބުން މައްކާއަށް ދިއުން މެދުކެނޑިފައި އޮތް އޮތުން ނިމުމަކަށް އައުމުން، މިދިޔަ އަހަރުން ފެށިގެން ކުންފުނިން ދިޔައީ މުވައްޒަފުން ހައްޖަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރަމުން ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން ބުނީ ކަމާބެހޭ އިދާރާތަކާއެކު ކުރެވުނު މަޝްވަރާގެ ނަތީޖާއެއްގެ ގޮތުގައި، އިސްލާމިކް މިނިސްޓްރީން ރިޒާވްކޮށްފައިވާ ހައްޖު ކޯޓާގެ ތެރެއިން އެމްއޭސީއެލަށް ފަސް ޖާގަ ހަމަޖައްސާފައިވާ ކަމަށެވެ.